މޭވާތަކުގެ ތެރެއިން ފޭރަކީ ވެސް އެތައް ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ މޭވާ އެކެވެ. އަދި އެއީ ރާއްޖޭގައި ހެދޭ، ދިވެހިންގެ މެދުގައި ވެސް މަގުބޫލު މޭވާ އެކެވެ. މޭވާއާ އެއްވަރަށް، ފޭރު ފަތަކީ ވެސް ފައިދާތަކެއް އޭގައި އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ބޭނުންވާ ގިނަ މާއްދާތަކެއް ފޭރު ފަތުގައި ހުރެއެވެ.

އިސްތަށި ފޭބުމަށް ފޭރު ފަތް އެހީވެދެނީ ކީއްވެ؟

ފޭރު ފަތަކީ، އިސްތަށިގަނޑު ހެދިބޮޑުވުމަށް މުހިއްމު ނިއުޓްރިޝަން ނުވަތަ މާއްދާއެއް ކަމަށްވާ ވިޓަމިން ބީ ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. އޭގެ އިތުރުން ފޭރު ފަތުގައި ހިމެނޭ ވިޓަމިން ބީ2 އަކީ ހެއާ ފޮލިކަލްސް ފަދަ ސެލްތަކާއި ޓިޝޫތައް ރަނގަޅު ކޮށްދޭ މާއްދާއަކަށްވާއިރު، އެ ފަތް ބޭނުންކުރުމުން އިސްތަށީގެ ބުޑާއި މޫގަނޑު ވަރުދަގަކޮށްދެ އެވެ.

އޭގެ އިތުރުން ވެސް ފޭރު ފަތުގައި ހިމެނޭ ވިޓަމިން ސީ، ވިޓަމިން ބީ2، ބީ5 އަދި ބީ6 ގެ ސަބަބުން ހަންގަނޑު ރަނގަޅު ކޮށްދޭއިރު ފޭރު ފަތުގައި ވިޓަމިން އޭ، ލައިކޮޕީން އަދި ޑައިޓަރީ ފައިބާގެ އެކުލެވިގެންވެއެވެ.

ފޭރު ފަތުގައި ހުންނަ މި މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަ ކޮށްދީ، އިސްތަށި ފޭބުން ހުއްޓުވައި، އިސްތަށިގަނޑުގެ ހެދި ބޮޑުވުމަށް އެހީއަކަށްވެ އެވެ. އޭގެ އިތުރުން އިސްތަށިގަނޑަށް ތިރީގައި މިވާ ފައިދާތައް ވެސް ފޭރު ފަތުގެ ސަބަބުން ލިބެ އެވެ.

ޒުވާން އުމުރުގައި ބޯ ތަލަވުމަށް ފަރުވާއެއް

ބައެއް މީހުންނަކީ ފުރާވަރުގެ އުމުރުގައި ނުވަތަ އުމުރުން 20 އިން މައްޗަށް ދާން ފެށުމުން ބޮލުން ފަތްމަދުވެ، ބޯ ތަލަވާން ފަށާ މީހުންނެވެ. މިއީ އަންހެނުންނަށާއި ފިރިހެނުންނަށް ވެސް ދިމާވާ ޖެނެޓިކް މައްސަލަ އެކެވެ. ފޭރު ފަތަކީ އެގޮތަށް ބޮލުން އިސްތަށި ފޭބުން ހުއްޓުވަން ބޭނުންކުރެވިދާނެ ގުދުރަތީ ފަރުވާ އެކެވެ.

އިސްތަށި ފޭބުމަށް ހައްލެއް

މީހެއްގެ ބޮލުން އިސްތަށި ފޭބުމަށް އެތައް ސަބަބެއް އޮވެދާނެ އެވެ. އެގޮތުން ބައެއް ސަބަބުތަކުގެ ތެރޭގައި އެންޒައިޓީ، ސްޓްރެސް، ރަނގަޅު ޑައިޓެއް ނުގެންގުޅުން، ހޯމޯން އިމްބެލެންސްވުން ހިމެނެ އެވެ. ނަމަވެސް ފޭރު ފަތުގެ ސަބަބުން އިސްތަށިގަނޑުގެ ބުޑު ވަރުގަދަކޮށްދީ، އިސްތަށިގަނޑު ދިގުކޮށްދެ އެވެ.

ބޮލު ހަންގަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭ

ބޭނުންކުރާ ޝޭމްޕޫ އަދި ސްޓައިލިން ޕްރޮޑަކްޓެއްގެ ނުވަތަ އިރުގެ ސަބަބުން ވެސް ބޮލުން ހަންފޮޅެ ނުވަތަ ބޮލުގެ ހަންގަނޑު ހަލާކުވުން އެކަށީގެންވެ އެވެ. ކޮންމެ ސަބަބަކާހުރެ ވެސް ބޮލުން ހަންފޮޅުވުމަކީ އުނދަގުލެކެވެ. އެހެން ކަމަށްވާނަމަ، ފޭރު ފަތަކީ އެކަމަށް އޮތް ފަރުވާ އެވެ. ފޭރު ފަތުގެ ސަބަބުން ބޮލުގެ ހަންގަނޑު މޮއިސްޗަރައިޒް ކޮށްދީ، ސިއްހަތު ރަނގަޅުކޮށްދެ އެވެ.

އިސްތަށިގަނޑު ދިގުވުމަށް އެހީއެއް

އިސްތަށި ފޭބުން ކޮންޓްރޯލް ކުރުމާއި އިސްތަށި ފޭބުން ހުއްޓުވައި ބޮލުގެ ހަންގަނޑުގެ ސިއްހަތު ރަނގަޅުކުރުމާއެކު ފޭރު ފަތަކީ ގުދުރަތީ ގޮތުން އިސްތަށިގަނޑުގެ ދިގު ކޮށްދީ އިސްތަށި ފެޅުމަށް އެހީވެދޭ އެއްޗެކެވެ.