ވޮޝިންޓަން (01 އޮކްޓޯބަރު) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެކޮޅުން ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ފެނުނު މައްސަލާގައި އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ޓްރަމްޕްއާ ދެކޮޅަށް ކޯޓަށް މައްސަލައެއް އިއްޔެ ހުށައަޅައިފި އެވެ.
އެ މައްސަލާގައި ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ޓްރަމްޕްގެ ފްލޮރިޑާ ގެކޮޅުން ފެނުނު ލިޔެކިޔުންތައް ތަހުގީގުކުރުމަށް ކޯޓުގެ ފަރާތުން ހާއްސަ މަންދޫބަކު ހަމަޖައްސައިދޭން މީގެ ކުރިން ހުށައަޅާފައިވާ ހުށައެޅުން އަވަސް ކޮށްދޭން އެދިފަ އެވެ.
އޭގެ އިތުރުން އެ ޑިޕާޓްމަންޓުން ބުނީ ޓްރަމްޕްގެ ގެކޮޅުން ފެނުނު ހުރިހާ ލިޔެކިޔުންތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާތީ އެ މައްސަލައިގެ ތަހުގީގަށް ހުރަސްތަކެއް އެޅެމުން އަންނަ ކަމަށެވެ.
އަވަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެމެރިކާގެ ކޯޓް އޮފް އެޕީލްސް - އިލަަވަންތު ސާކިޓްއަށް ޖަސްޓިސް ޑިޕާޓްމަންޓުން ހުށައަޅާފައިވާއިރު މައްސަލައިގެ އަޑުއެހުންތައް ނޮވެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ނިންމައިދިނުމަށް ވެސް އެ ޑިޕާޓްމަންޓުން އެދިފައިވެ އެވެ.
މި ހުށައެޅުމަށް ޓްރަމްޕްގެ ވަކީލުން ދެކޮޅު ހަދާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ވަކީލުންގެ ސީދާ ބަހެއް އަދި މީޑިއާއަށް ލިބިފައެއް ނުވެ އެވެ.
މި މައްސަލަ ޖަސްޓިސް ޑިޕާޓްމަންޓާ އެއްކޮޅަށް ނިމިއްޖެ ނަމަ ޓްރަމްޕްގެ މައްޗަށް ކުރެވޭ ސިއްރު ލިޔެކިޔުންތައް ގެންގުޅުމުގެ ތުހުމަތުގެ ފުރިހަމަ ތަހުގީގު އެއްވެސް ހުރަހެއް ނެތި ކުރިއަށް ގެންދިއުމަށް ސަރުކާރަށް މަގުފަހި ވެގެންދާނެ އެވެ.
މި މައްސަލާގައި ޓްރަމްޕް ވަނީ އެ ލިޔެކިޔުންތަކަކީ އެފްބީއައިގެ އޮފިޝަލުން އޭނާގެ ގޭގައި ބެހެއްޓި ލިޔެކިޔުންތަކެއް ކަމަށް ބުނެ އެފްބީއައިއަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް އެކަމުގެ ހެއްކެއް އޭނާއަށް ދެއްކިފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ