ޔުރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ ޔޫރިން އިންފެކްޝަނަކީ ދިވެހިންގެ މެދުގައި ވަރަށް އާއްމު ބައްޔެކެވެ. ވަގުތު އޮއްވާ ފަރުވާ ނުކުރެވިއްޖެ ނަމަ މިއީ ކިޑްނީ ބަލިތައް ފަދަ ކުޑަކަމުދާ ނިޒާމުގެ ނުރައްކާތެރި ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ޔޫޓިއައި އަށް މެދުވެރިވާ ބައެއް އާއްމު ސަބަބު ތަކަށެވެ.

ފެން ބޯ މިންވަރު މަދުވުމަކީ މައިގަނޑު ގޮތެއްގައި ޔޫޓީއައި އަށް މަގުފަހިކުރުވާ ސަބަބެވެ. ފެނަކީ އިންސާނާގެ ހަށިގަނޑުގެ އެކި ގުނަންތަކުގެ ހިންގުމަށް ބޭނުންވާ ތެލެވެ. ޔޫޓީއައި އާއި އެ ނޫންވެސް ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުގެ އެންމެ މައިގަނޑު ސަބަބަކީ ވެސް ފެން ބޯ މިންވަރު މަދު ވުމެވެ.

ސާފުތާހިރުކަން ބަހައްޓަންޖެހޭ މިންވަރަށް ސަމާލުނުވެ ޖިންސީ ގޮތުން ގައިގޯޅިވެ ވުމާއި، ކުޑަކަމުދާ ތަކެތި ހިފަހައްޓައިގެން ގިނަ ވަގުތު ހޭދަކުރުމާއި ބަނޑު ހަރުވުން (ކޮންސްޓިޕޭޝަން) ފަދަ ކަންކަން ހުކުމަކީ ކުޑަކަމުދާ ހޮޅީގައި ބެކްޓީރިއާ އަށަގަތުމަށް މެދުވެރިވާ ކަންތައްތަކެވެ.

މީގެ އިތުރުން ވެސް ލޭގައި ހަކުރު ހުރުމާއި، ކިޑްނީގައި ހިލަ ހުރުމަކީ ވެސް ކުޑަކަމުދާ ހޮޅޫގައި ޖަރާސީމު އަށަގަންނަ ކަންކަމެވެ.

އެއާއެކު އެތެރެއިން ބޭނުންކުރާ އަންނައުނާއި ޕީރިއަޑް ދުވަސްވަރު އަންހެނުން ބޭނުންކުރާ ސެނިޓަރީ ޕެޑް ފަދަ ތަކެތި ބަދަލު ނުކޮށް ގިނަ ވަގުތު ހޭދަކުރުމަކީ ވެސް ކުޑަކަމުދާ ހޮޅީގައި ވަރަށް ފަސޭހަ އިން ޖަރާސީމު އަށަގަންނަ ކަމެކެވެ.

އެހެން ކަމުން މިކަންކަމަށް ވިސްނައި އެކަންކަމުން ދުރުވެ ތިބުމަކީ ތިބާގެ ސިއްހަތު ނުރައްކަލަށް ހުށަހެޅުން ކުޑަކޮށްދޭނެ ކަމެކެވެ.