މަސައްކަތުގެ ގަޑި ފާއިތުވެ ދިޔަ ނަމަވެސް ނުނިމޭ މަސައްކަތްތައް ހުރުމުން އޮފީހުގައި މަޑުކޮށްލެވޭ ފަހަރު އާދެ އެވެ. މިހެން އިނދެ ވަގުތު ފާއިތުވާ ގޮތް ނޭނގި ރޭގަނޑު ދަންވަންދެން ވެސް އުޅެވެ އެވެ. މިހެން އޮފީހުގައި ގިނައިރު އިންނަން ޚިޔާލު ކުރުމުގެ ކުރިން އެކަމުން ލިބޭ ގެއްލުމަށް ވިސްނާލުން ބުއްދިވެރި އެވެ.

ވަޒީފާގައި މާ ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ސްޓްރޯކާއި ހިތުގެ ތަފާތު މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ އެވެ. މިއީ އެމެރިކާ އާއި އޮސްޓްރޭލިއާ އަދި ޔޫރަޕުން 600،000 މީހުން ބައިވެރިކޮށްގެން ހިންގި ދިރާސާއެއްގެ ނަތީޖާ އެވެ.

އިނގިރޭސި ވިލާތުގެ މެޑިކަލް ޖާނަލްއެއް ކަމުގައިވާ "ދަ ލެންސެޓް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ މަސައްކަތުގައި ހަފުތާއަކު 55 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު، އެނޫން މީހުންނާ އަޅާބަލާއިރު 33 ޕަސެންޓަށް ބޮޑު ކަމަށެވެ.

މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުމަކީ ހިތް ހުއްޓުމާއި ހާޓް އެޓޭކް ފަދަ ހިތުގެ މައްސަލަތަކުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމަށް މީގެ ކުރިން ހަދާފައިވާ މިފަދަ ދިރާސާތަކުން ވެސް އެނގިފައިވެ އެވެ.

ސްޓްރޯކް ޖެހެނީ ސިކުނޑި އަށް ލޭ ފޮނުވައިދޭ ނާރެއްގައި ގަނޑުލޭ ކޮޅެއް އުފެދި ލޭ ދައުރުވުން ބެދިގެންނެވެ. ވަޒީފާގައި ގިނައިރު ހޭދަކުރާ ނަމަ ސިކުނޑިއަށް ބާރު ބޮޑުވެ ސިކުނޑިއަށް ލޭ ފޮނުވައިދިނުމުގައި ނާރުތަކަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ.

މި ސަބަބުތަކަށްޓަކައި ވަޒީފާއަށް ކަނޑައަޅާފައި އޮންނަ އަށް ގަޑިއިރު ތެރޭގައި މަސައްކަތް ނިންމުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އިތުރު ގަޑީގެ ލާރި ލިބުނަސް އެއަށްވުރެ ގިނައިރު މަސައްކަތް ކުރުމަކީ މީހާގެ ސިއްހަތު ނުރައްކަލަށް ހުށަހަޅާ ކަމެކެވެ.