ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް‬ ހުށަހަޅާ ބިލު ‪ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުން ބުނީ ރައީސް އޮފީހަށް މި ބިލު ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މައުލޫމާތުދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

"އެގޮތުން، އެ ބިލުން ބުނެވިދިޔަ ގާނޫނަށް ގެނައުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަކޮށްދިނުމަށާއި، ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ، ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި، އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިޞްލާޙުތައް ހިމެނޭ،" އެ އޮފީހުން ބުންޏެވެ.

ހެއްކާ ބެހޭ ގާނޫނުގެ 138 ވަނަ މާއްދާ އަށް އިސްލާހު ގެނައުމަށް ހުށަހަޅާއިރު "ގައުމީ ސަލާމަތު"ގެ ލަފްޒު ހިމަނައިގެން ގާނޫނު އިސްލާހު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހެއްކާބެހޭ ބިލު ތަސްދީގު ކުރެއްވީ ވެސް އެ މާއްދާ އިސްލާހު ނުކޮށް ތަސްދީގު ނުކުރުމަށް ގޮވާލައި ޕެޓިޝަނެއް ރައީސް އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވަނިކޮށެވެ.