ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ 50 އަހަރުން މަތީ މީހުންނަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) ން މިއަދު ބުނެފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖަހަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށެވެ.

"އެންމެ ރައްކާތެރި، އެފެކްޓިވް އަދި އަވަހަށް ވެކްސިން ލިބެން އޮތް ގޮތަކީ ކޯވެސް ފެސިލިޓީ މެދުވެރިކޮށް. ރާއްޖެއިން ވެކްސިން ހޯދުމަށް މިފެސިލިޓީއަށް ހުށަހެޅުނު އެޕްލިކޭޝަން މިހާރުވަނީ ބަލައިގަނެފައި،" އޭނާ ވިދާޅުވި އެވެ. "މުޅި އާބާދީގެ އެންމެނަށް ނޫން ވެކްސިން ޖަހާނީ. ވެކްސިން ޖަހަން އެލިޖިބްލްވާ މީހުންނަށް ވެކްސިން ޖަހާނީ."

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގެ ކޯލްޑް ސްޓޯރޭޖާއި ޓްރާންސްޕޯޓް ފެސިލިޓީގެ އެސެސްމަންޓެއް ހަދާފައިވާ ކަމަށެވެ. އަދި ކޮވިޑަށް ގެންނަ ވެކްސިން ރައްކާކުރެވޭ މިންވަރަށް ފެސިލިޓީތައް ތައްޔާރުކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯވެސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންދޭން ހަމަޖެހިފައިވާ ގޮތް:

  • 17 ޕަސެންޓް 50 އަހަރުން މަތީގެ މީހުންނާއި ކޯވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް.
  • ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން.

އެޗްއީއޯސީން ބުނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ބޭނުންކުރެވޭނީ ރައްކާތެރި އަދި ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ވެކްސިންތައް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް ވެކްސިން ޖަހާނީ އާބާދީގެ 80 ޕަސެންޓަށްވާ ވަރަށް ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިން ނުހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.