ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު މުރާޖައާ ކުރުމަށްފަހު ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓް ރައީސް އޮފީހުން އަލުން އާންމުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އެކުލަވާލައި އާންމުކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށެވެ.

މި ލިސްޓްގައި ޓެރަރިސްޓް ޖަމާއަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި، އެ ޖަމާއަތެއް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ހިމެނޭ ގޮތުން މުރާޖައާކުރަންޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ހިމެނޭ ސަރަހައްދުތައް:

  • އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިޔާ (އައިސިސް / އައިއެސްއައިއެލް / އައިއެސްއައި / ޑީއޭއައިއެސްއެޗް)
  • އަލްގައިދާ
  • ޖަބްހަތު އަލް-ނުސްރާ
  • ލަޝްކަރޭ ތައިބާ
  • އަލް-ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
  • އަލްގައިދާ އިން ދި އިސްލާމިކް މަޣްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް / ބޯކޯ ހަރަމް
  • އަލް ޝަބާ
  • އަލްގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)
  • ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުހައްމަދު
  • އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ލާވަންޓް – ހުރާސަން - ޕްރޮވިންސް (ވިލާޔާ ހުރާސަން)
  • ނެޝަނަލް ތައުހީދު ޖަމާއަތް
  • ޖަމާއަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ
  • ހައިއަތު ތަހްރީން އަލް ޝާމާ
  • ހުއްރާސް އައް ދިން

ރައީސް އޮފީހުން އެންމެ ފަހުން އާންމުކުރި ލިސްޓްގައި ވެސް ހިމެނެނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ރައީސް އޮފީހުން އެކުލަވާލި ލިސްޓްގައި ހިމެނޭ ޖަމާއަތްތަކެވެ.

ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް ރައީސް އޮފީހުން މީގެ ކުރިން ވަނީ ކަނޑައަޅާފަ އެވެ.

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހުކޮށް ގެޒެޓްކުރީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާންމުކުރައްވާ ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާއެކު ބަލަހައްޓަނީ ދިވެހި ސިފައިންނެވެ.