ނޭކުރެންދޫ ޖަލާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަފަދަ ޖަވާބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ހދ. ނޭކުރަންދޫގައި އަޅާ ޖަލުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން ލިޔުމުން އިމްރާން ދެއްވި ޖަވާބުންނެވެ.

އިމްރާންގެ ޖަވާބުގައި ނޭކުރަންދޫ ޖަލުގެ މަސައްކަތް ލަސްވެގެން ދާ ސަބަބުތައް ހާމަކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ކޮވިޑުގެ ހާލަތާއި އަދި ބަޖެޓުގެ ދަތިކަން ފާހަގަކޮށްފައި ވެ އެވެ.

"މި ޕްރޮޖެކްޓަށް މި އަހަރަށް ލިބިފައި ވަނީ 10 މިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރަށް ހަމަޖައްސައި ދީފައި ވަނީ ވެސް 10 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއު މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމޭނެކަމަށް އުއްމީދުކޮށް އެ ޓާގެޓް ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއްް ކުރެވުނު ނަމަވެސް މި ފައިސާއިން 2023ގެ އަހަރަށް ނިންމާލެވޭނެ ކަމަށް އެސްޓިމޭޓް ކުރެވެނީ ޖަލުގެ ވަށާފާރާއި އަދި ޖަލުގެ ކޮންސެޕްޓާއި ތަފްސީލީ ކުރެހުމުގެ މަސައްކަތް ތަކެވެ." އިމްރާންގެ ޖަވާބުގައި ވެ އެވެ.

އިމްރާން ވިދާޅުވީ ނޭކުރެންދޫ ޖަލުގެ މަޝްރޫއަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ގައިދީން ޖަލުގައި ހޭދަކުރާ މުއްދަތުގައި އެ ފަރާތްތަކަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދީ ރިހެބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއް ކަމަށެވެ.

ރައީސް ނަޝީދު ވަނީ އިމްރާންގެ ޖަވާބަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިތަނުގައި މި ހުރިހާ ތަފާސް ހިސާބު ކިޔުއްވަން ޖައްސުވައި އަދި ކިޔާ ނިމުނުއިރުގައި މީ އަނބޮއްފުޅާ ދަނބޮއްފުޅުގެ ވާހަކައަށް ވެ ދިއުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި އިއްޒަތްތެރި މެމްބަރުން ވާނީ އަނބޮއްފުޅާ ދަނބޮއްފުޅުގެ ވާހަކަ ކިޔުއްވާފަ. އެ ވާހަކައިގައި ވާގޮތް އެނގިވަޑައިގަންނަވާނެ. މިއޮތީ ހަމަ ސީދާ އެގޮތްވެފައި،" ނަޝީދު ވިދާޅުވި އެވެ.