ރިބަން ކަނޑާ ސަރުކާރަކަށް ރިބަން ފަށެއް ހުހެއް ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު އެ މޭރުމުން ވާހަކަފުޅު ދެއްކެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ތަރައްގީކުރި ޒަމާނީ ފެންވަރުގެ ރަންވޭ ނިންމިތާ ފަސް އަހަރެއްހާ ދުވަސް ފަހުން އިއްޔެ ހެނދުނު ބޮޑު ރަސްމިއްޔާތެއް ބާއްވައި ރަސްމީކޮށް އެތަން ހުޅުވާފައިވާތީ އެވެ.

ވީއައިއޭގެ އާ ރަންވޭ އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ތަނެކެވެ. ރައީސް ޔާމީން ވިދާޅުވީ ކޮންކްރިޓް ތަރައްގީ ބޭނުން ނުވާ ކަމަށް ވިދާޅުވި ބޭފުޅުން އެ ބޭފުޅުންނަށް ހައްގު ނޫން ފަޚްރު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ބަޔަކަށް ދުވަހަކު ވެސް ކަނޑާނެ ރިބަން ފަށް ހުސް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވީއައިއޭގެ އާ ރަންވޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީކުރި ސީޕްލޭން ޓާމިނަލް ވެސް ވަނީ ހުޅުވައިފަ އެވެ. އެފަދަ ހައްގު ނޫން ފަޚްރެއް މިއަދުގެ ސަރުކާރުން ހޯދަމުންދާއިރު، އެމްޑީޕީއަކީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އެ އެއާޕޯޓް ވިއްކާލި ޕާޓީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޖީއެމްއާރްގެ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެއާޕޯޓް ޖީއެމްއާރަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ވި އެއްބަސްވުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މެން ފަދަ ބޭފުޅުން އެކަމަށް ތާއީދު ކުރެއްވުމަށްފަހު ފަހުން ޚިޔާލު ބަދަލުވެ، އެއްބަސްވުން ބާތިލުކޮށްފި ނަމަ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ނާންނާނެ ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފަތުރިވެރިކަމުގެ ދާއިރާއިން ހާއްސަ އެވޯޑުތަކެއް ސަރުކާރުން ދިންއިރު، އެމްޑީޕީގެ އިސް ބޭފުޅުންނަކީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ރާއްޖެއިން ބޭރުގައި ގޮވާލި ބައެއްކަން ހަނދާން ނެތިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ދުވަހަކު ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ އެދޭނެ ބައެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފަތުރުވެރިކަމުގެ އެވޯޑް ދީފައިވާއިރު، ރައީސް ޔާމީނަށް އެވޯޑް ދީފައިނުވާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވާލި ބޭފުޅަކަށް އެވޯޑެއް ދިނުމަކީ ބޮޑު ޖޯކެއް ކަމަށެވެ.