ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރަން ގާނޫނަށް ގެންނަށްޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން އާންމުގެ ހިޔާލު ދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ޖޭއެސްސީ އެކުލެވިފައި އޮންނަންޖެހޭ ގޮތާ ގުޅޭ ގޮތުން އާންމު މީހެއްގެ ހިޔާލެއް އޮތް ނަމަ ފޯމު އަދި އީމެއިލް މެދުވެރިކޮށް މިހާރު ހުށައެޅޭނެ އެވެ. އަދި މި ހިޔާލުތައް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ އެދިފަ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެ ބިލު އެކުލަވާލުމަށްޓަކައި ބޭނުންވާ މަޝްވަރާއާއި ހިޔާލު ހޯދުމުގެ އޭޖީ އޮފީހުން ވަނީ ކޯޓުތަކުގެ ފަނޑިޔާރުންނާ ބައްދަލުކޮށްފަ އެވެ. އަދި މަދަނީ ޖަމިއްޔާތަކުން ވެސް އެ މަޝްވަރާތަކުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލާފަ އެވެ.

"އިސްވެ ދެންނެވި ބިލު (ޖޭއެސްސީ އިސްލާހްކުރާ ބިލު) އެކުލަވާލުމުގައި، ޝަރުއީ ދާއިރާއާއި ކަމާބެހޭ އެނޫން ވެސް ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ފެންނާތީ، ކަމާގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށްޓަކައި، އެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ." ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަން ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ދެ ފަހަރެއްގެ މަތިން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފަ އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ އެ އިސްލާހު ބޭރުކޮށްލައިފަ އެވެ.