ވޮޝިންޓަން (08 އޮކްޓޯބަރު) - ސައޫދީ އަރަބިއާއާއި އޯޯޕެކް ގައުމުތަކުން ތެޔޮ އުފެއްދުން ބޮޑު ތަނުން ދަށްކުރުމާއެކު އެމެރިކާއިން އެ ގައުމާއެކު އޮންނަ ގުޅުންތައް ކުޑަކުރަން ވިސްނަމުންދާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ސެކެޓްރެރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސައޫދީ އަރަބިއާއާއެކު އެމެރިކާއިން ބާއްވަން ބޭނުންވާ ގުޅުންތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ސައޫދީ އަރަބިއާއިން ތެޔޮ އުފެއްދުން މަދުކުރުމަށް އެޅި ފިޔަވަޅުގެ ރައްދެއްގެ ގޮތުގައި އެމެރިކާއިން އަޅާނެ ފިޔަވަޅުތައް ބްލިންކަން ހާމަ ނުކުރި ނަމަވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެ އެވެ.

ރަޝިއާ ހިމެނޭހެން ސައޫދީ އަރަބިއާއާއި އޯޕެކްގެ ގައުމުތަކުން ވަނީ ހުޅަނގަށް ފޯރުކޮށްދޭ ތެޔޮ ބޮޑުތަނުން ދަށް ކުރަން ނިންމާފަ އެވެ.

ތެލުގެ ސަޕްލައި ދަށްވުމާއެކު އެމެރިކާގައި ތެލުގެ އަގު ބޮޑުވާނެ ކަމަށް ލަފާކުރެވޭއިރު މިކަމުގެ ސަބަބުން އެގައުމުގެ ގިނަ ކަންކަމަށް ބުރޫ އަރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބައިޑަންގެ ސަރުކާރުން އަންނަނީ އޯޕެކްގެ މި ފިޔަވަޅުގެ ސަބަބުން ކުރާ އަސަރުތައް ދަށް ކުރަން ސިޔާސަތުތައް އެކުލަވާލައި އެކަމުގެ މަޝްވަރާތައް ކުރަުމުންނެވެ.