ތެހްރާން (09 އޮކްޓޯބަރު) - އީރާނުގެ ދައުލަތުގެ މީިޑިއާ ހެކްކޮށް އެގައުމުގެ ރޫހާނީ ލީޑަރު ޚާމަނާއީއަށް އެ މީޑިއާ މެދުވެރިކޮށް މެސެޖެއް ފޮނުވައިފި އެވެ.

އެގޮތުން ހެކަރުން ވަނީ މީޑިއާގެ ބްރޯޑްކާސްޓިން ހުއްޓުވައި ޚާމަނާއީގެ ފޮޓޯއަކާއެކު "މި ގައުމުގެ ޒުވާނުންގެ ލެއިން ތަތްތެޅިފައި" މި މެސެޖު ދުރަށް ފޮނުވާފަ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ މަހްސާ އަމީނީގެ މަރާއެކު އީރާނުގެ ދާޚިލީ މަޝްރަހު ހޫނުވެ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު މަރުވެފައި ވަނިކޮށެވެ.

ޓެކްނޮލޮޖީ މެދުވެރިކޮށް އީރާނުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން އަންނަ ހެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ އަދާލަތު-އެ-އަލީ އިން ވަނީ މިކަމުގެ ޒިންމާ ނަގާފަ އެވެ.

ހެކަރުން އާއްމުކުރި ޚާމަނާއީގެ ފޮޓޯގައި އޭނާގެ ގައިގައި ރޯވެފައިވާތަން ފެންނައިރު މޫނަށް ބަޑިއެއްގެ އަމާޒު އަޅުވާފައިވާ ތަން ފެނެ އެވެ.

ހެދުން އެޅުމުގެ ހަމަތަކާ ޚިލާފުވެގެން ހައްޔަރުކުރި އަމީނީ މަރުވީ ފުލުހުންގެ އަނިޔާތަކުގެ ސަބަބުން ކަމަށް ބުނެވޭއިރު ސަރުކާރުން ވަނީ އޭނާ މަރުވީ ކުރިން ވެސް ހުރި ބައްޔެއްގެ ސަބަބުން ކަމަށް ބުނެފަ އެވެ.

ނަމަވެސް އަމީނީގެ އާއިލާއިން ވަނީ އެކަން ދޮގުކޮށް އަމީނީއަކީ އެއްވެސް ބައްޔެއް ހުރި ފަރާތެއް ނޫން ކަމަށް ބުނެފަ އެވެ.

އަދާލަތު އެ އަލީއިން ވަނީ މީގެ ކުރިންވެސް ހަބަރު ވެބަސައިޓްތަކާއި ޗެނަލްތައް ހެކްކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުކިޔާފަ އެވެ. -- އަލް އަރަބިއްޔާ