ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް އެނބުރުމަށް ސަބަބެއް ކަމަށްވީ މަޣުރިބު ކަރައިގެ އިލްމުވެރި ބޭކަލެއްކަމަށްވާ އަބުލް ބަރަކާތުލް ބަރުބަރީ ކަމަށް ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި ވަނީ ހިމަނައިފަ އެވެ. އެއީ އެކަމާ ބެހޭގޮތުން ސަރުކާރުގެ ރަސްމީ ނިންމުމެވެ. މިކަން މިގޮތަށް ހަމަޖެއްސެވީ ސުމުއްވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި އެމަނިކުފާނު އެކުލަވާލެއްވި ތާރީޚު ކޮމިޓީއަކުން ނިންމި ނިންމުކުންނެވެ.

އަމީނުގެ ވެރިކަމުގައި ސަރުކާރުން އެގޮތަށް ނިންމުމާ ހަމައަށް ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ގޮތުގައި ކިޔަމުން އައިސްފައި އޮތީ ތަބުރޭޒީގެފާނު ކަމަށެވެ. ތަބްރޭޒީގެފާނަށް ފާތިހާ ކިޔެވުމާއި އަހަރުމަތިފުށް ކިޔެވުން ފަދަ ކަންތައް ރާއްޖޭގައި އޮތީ ގައުމު އިސްލާމް ދީނަށް އެނބުރުނީއްސުރެ ހިނގަ ހިނގަ އެވެ.

ރާއްޖޭގެ ތާރީޚު އެންމެ ފުރަތަމަ ލިޔުއްވި ހަސަން ތާޖުއްދީނު، އޭނާގެ ތާރީޚުގައި ލިޔުއްވައިފައި ވަނީ ވެސް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ގަބޫލުކުރީ ތަބްރޭޒީގެފާނުގެ އަތްޕުޅުގެ މައްޗަށް ކަމަށެވެ. ރާއްޖޭގެ ގަދީމީ ތާރީޚުގެ ފްލޯކް ވާހަކަ ކިޔައިދޭ ބުރާރުގެ ވާހަކާގައި ވެސް ރާއްޖެ އިސްލާމް ދީނަށް އެނބުރުމުގައި މެދުވެރިވެވަޑައިގަތް ބޭކަލެއްގެ ގޮތުގައި ކިޔައިފައި އޮންނަނީ ތަބުރޭޒީގެ ނަމެވެ.

ތާރީޚީ ހެކިތަކާއެކު ދޫދޫ މަތިން ކިޔަމުން އައިސް ހުރިހާ ދިވެހިންގެ ހިތުގައި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ޝަރަފު ތަބުރޭޒީގެފާނަށް ދެވިފައި ވަނިކޮށް އެނަން ކުއްލިއަކަށް ބަރުބަރީގެ ނަމަށް ބަދަލުވާން ޖެހުނު ސަބަބާމެދު ވިސްނާލަން ޖެހެ އެވެ.

ރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ބަރުބަރީއެއްގެ ނަން ގެނެސްފައި ވަނީ މަޣުރިބު ކަރައިގެ ދަތުރުވެރިއެއް ކަމަށްވާ އިބުނު ބަތޫތާ އެވެ. ބަތޫތާއަކީ ރެހެންދި ޚަދީޖާގެ ރަނިކަމުގެ ދުވަސްވަރު ރާއްޖެ އައިސް ދުވަސްތަކެއް ވަންދެން ރާއްޖޭގައި ދިރި އުޅުއްވި ބޭކަލެކެވެ.

ބަތޫތާ ރާއްޖޭގައި ހޭދަ ކުރެއްވި ދުވަސްވަރު ރާއްޖޭގެ ފަނޑިޔާރުކަން ވެސް ކުރެއްވި އެވެ. ރާއްޖޭގައި ބަތޫތާ ހޭދަ ކުރެއްވި ދުވަސްތައް ނިންމަވައިލެއްވުމަށް ފަހު ދުނިޔޭގެ އެތަންމިތަނަށް ދަތުރު ކުރެއްވުމުގައި ޒަމާންތަކެއް ހޭދަކުރެއްވި އެވެ. އޭގެ ފަހުން އޭނާގެ އުފަން ގައުމު ކަމަށްވާ މަޣުރިބު ކަރައަށް އެނބުރި ވަޑައިގެން އޭނާ ދުނިޔޭގައި ދަތުރުކުރި ތަންތަނާ އެ ދަތުރުތަކުގައި ދުށް ތަންތަނުގެ ވާހަކަ ދެއްކެވުމުން އެ ގައުމުގެ ރަސްގެފާނު އެކަމަށް ދެއްވި ޝައުގުވެރިކަމެއްގެ ސަބަބުން ބަތޫތާގެ ދަތުރު ނާމާ ލިޔުއްވީ އެވެ.

އެ ލިޔުމުގައި ދިވެހި ރާއްޖެއާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ހުއްޓެވެ. އެއީ އެ ދުވަސްވަރުގެ ރާއްޖޭގެ ކަންތައްހުރި ގޮތް ދިވެހިންގެ ފަހުގެ ޖީލުތަކަށް އޮޅުން ފިލަން އޮތް މަދު ލިޔުންތަކުގެ ތެރެއިން އަގުހުރި ލިޔުމެކެވެ. އެހެން ނަމަވެސް ކަން ހިނގާފައި އޮތްގޮތާއި އެ ލިޔުމުގައި ހުރި ވާހަކަތަކަށް ވިސްނާލުމުން ބަތޫތާގެ ދަތުރުނާމާގައި ވަރަށް ގިނަ ތެދުނޫން މައުލޫމާތު ހުރިކަމުގައި ފާހަގަވެ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އެއްވާހަކައަކީ ރާއްޖެ އިސްލާމްވީ މަޣުރިބު ކަރައިގެ ބޭކަލެއްގެ އަތްޕުޅު މައްޗަށް ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

ބަތޫތާގެ އޭނާގެ ދަތުރުނާމާގައި ވަނީ ރާއްޖޭގެ ރަސްގެފާނު އަހުމަދު ޝަނިވިރާޒާ މަޣުރިބު ކަރައިގެ އަބުލްބަރަކާތުލް ބަރުބަރީ އަލް މަޣުރިބީ އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގެންނެވިކަމުގަ އެވެ. މި ވާހަކަ ހުކުރު މިސްކިތުގައި ހުރި ފިލައަކުން ދެކެވަޑައިގެންނެވި ކަމުގައި އޭނާ ލިޔުއްވަ އެވެ.

މި ވާހަކައަށް ބަލާއިރު ދެ މައްސަލައެއް ފާހަގަ ކުރެވެ އެވެ. އެއްކަމަކީ ރާއްޖެ އިސްލާމް ދީނަށް ބަދަލުވިއިރު ހުންނެވި ރަސްގެފާނުގެ ނަންފުޅު ނުބައިކޮށް ލިޔުއްވާފައި އޮތް އޮތުމެވެ. ދެވަނަ ކަމަކަށް ހުކުރު މިސްކިތުގެ ފިލައަކުން ދުށްކަމުގައި ވިދާޅުވާ މަޣުރިބީ އެބުނާ ފިލައިގެ އެއްވެސް ތަނެއްގައި ނެތް ކަމެވެ.

މިހާރު ވެސް ފެންނަން އޮތް އެ ބަޔާންކުރާ ފިލާގައި އޮޅުމެއް އަރައިގެން އުޅެނީ ބަތޫތާގެ ލިޔުމުގައި އޮތް ބަރުބަރީގެ މައްޗަށް ބުރަވެ ވިސްނާ މީހުނަށް އަރަބި ބަހުން އޮތް ތަބުރޭޒު ބަރުބަރީގެ ގޮތުގައި ކިޔޭ ގޮތްވުމެވެ.

ހުކުރު މިސްކިތުގައި ރާއްޖެ އިސްލާމްކުރެއްވި ބޭފުޅަކާ ބެހޭ ގޮތުން ލިޔެވިފައިވާ ފިލައާއި ދިވެހިން ޒަމާނުއްސުރެ ކިޔަމުން އަންނަ ބޯދާ ވާހަކަތަކާ ގަބޫލުކޮށްގެން ތިބި ގަބޫލުކުރުންތަކުގައި ވެސް ރާއްޖެ އިސްލާމް ދީނަށް ބަދަލުކުރެއްވުމުގައި މެދުވެރިއަކަށްވީ އަބުލް ބަރަކާތު ޔޫސުފުއް ތަބުރޭޒީ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

އެހެންކަމުން ސާފުކޮށް އެނގެން އޮތް ތާރީޚީ މުހިންމު މައްސަލައެއްގައި ބޭރުގެ ދަތުރުވެރިއަކު އޭނާގެ ހަނދާންތަކަށް ބިނާވެ، ބުނެފައިވާ ތޯތޯ ވާހަކައަކަށް ބުރަވެ ކަނޑައެޅިގެން ފެންނަން ހުރި ހެކިތަކަށް ލޯމަރާލައި ތާރީޚު އޮޅުވާލުމަކީ ކުރަންވާ ވަރުގެ ކަމެއް ނޫނެވެ.

ދިވެހިން އިސްލާމް ދީން ގަބޫލުކުރީ އީރާނުގެ ބޭކަލެއް ކަމަށްވާ ޔޫސުފު އައްތަބުރޭޒުގެ އަތްޕުޅު މައްޗަށެވެ. އިސްލާމް ދީނުގެ މައިގަނޑު ރުކުންތަކަށް ދިވެހިން ކިޔާ ނަންތަކަށް ބަލައިލުމުން ވެސް މި ހަގީގަތް ގަބޫލުކުރަން ފަސޭހަ އެވެ.