ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތްކުރަން 241.5 މިލިއަން ރުފިޔާ އަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެ ސްކޫލު އިމާރާތް ކުރަން ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖޭވީ ވިތު އެޑްވާޑް އެންޑް ކްރިސްޓީ އާ އެވެ.

މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފަސް ވަނަ ސްކޫލެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ހައިޝަމެވެ.

އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ސްކޫލުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭނެ ކަމަށެވެ.

އެ ސްކޫލްގައި 54 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ލިފްޓް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތް ހަވާލުކުރީ 18 މަސް ދުވަސް ތެރޭ ނިންމާގޮތަށެވެ. އެ ސްކޫލްގައި އޮގަސްޓް، 2024 ގައި ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ސަލާހުއްދީން ސްކޫލު އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާނެ އެވެ. އަދި އިތުރު ސްކޫލެއް އަންނަ އަހަރުގެ އޮގަސްޓް މަހު ހުޅުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލު މިދިޔަ އޮގަސްޓް މަހު ވަނީ ފޭސް ދޭއްގައި ހުޅުވާފަ އެވެ. އެ ތަނާ ޖެހިގެން ހަދަމުން އަންނަ ޖަމީލް ދީދީ ޕްރީ ސްކޫލު މި މަހުގެ 31 ގައި ހުޅުވަން ވަނީ ނިންމައިފަ އެވެ.