ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގެއްލުންހުރި އާދައެއްކަން އެނގޭއިރު ވެސް އެ އާދަ ހުއްޓާލުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. އެހެން ނަމަވެސް އެއީ ނުވާނެ ކަމެއް ނޫނެވެ. މި ލިޔުމުގައި މި ބަލާލަނީ މި ނުރައްކާތެރި އާދައިން ދުރުވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

ތާރީޚެއް ކަނޑައެޅުން

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބަލާފައި ވަކި ދުވަހެއް ކަނޑައަޅާށެވެ. އަދި އެދުވަހުން ފެށިގެން އެކަން ނުކުރުމަށް ހިތުގައި ވަރުގަދައަށް އަޒުމް ކަނޑައަޅާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ގިނަމީހުން އެކަން ހުއްޓާލަނީ މަޑުމަޑުން އެކަން ކުރުން ހުއްޓާލުމުގެ ބަދަލުގައި މިގޮތަށް ތާރީޚެއް ކަނޑައެޅުމަށްފަހު އެދުވަހަކުން ފެށިގެން ހުއްޓާލާ އުސޫލުންނެވެ.

މަގުފަހިކުރާ އާލަތްތައް ނައްތާލުން

މިގޮތުން އަޅިކެނޑި، ނުކަޑައި އޮތް ސިގިރޭޓް ފޮށި، ލައިޓަރު އަދި އަލިފާން ފޮށި ފަދަ ތަކެތި އުކާލެވިދާނެއެވެ. އެކަމުން ދުންފަތުގެ އިސްތިއުމާލު ކުރަން އުނދަގޫވެ ދުރުވެވޭނެ އެވެ.

ގިނަގިނައިން ފެންބުއިން

ފެނަކީ ދުންފަތުގެ ރަހަ ކަނޑުވާލަދީ ދުންފަތުގެ އިސްތުއުމާލު ކުރަން ބޭނުންވާ ބޭނުންވުން ދަށްކޮށްދޭ އެއްޗެކެވެ. މިގޮތުން ފެނާއި އެކު އޮރެންޖް ފޮއްޗެއް ނުވަތަ ލިބޯ ފަޅިއެއް ބޭނުން ކުރެވިދާނެ އެވެ.

ހަރަކާތްތެރިވެ އުޅުން

މިކަމުން ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީތެރިވެދެ އެވެ. އުސް އިމާރާތެއް ފަދަ ތަނަކަށް އިރު ލިފްޓްގެ ބަދަލުގައި ސިޑި އިޚްތިޔާރު ކުރާށެވެ. ފެތުން އަދި ހިގާލުން ފަދަ ކަންކަމަކީ ވެސް ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީތެރި ވެދޭނެ ކަންކަމެވެ.

ކެއުމަށް ފަރުވާތެރިވުން

އަބަދުވެސް ހަށިގަނޑަށް ފައިދާހުރި ރަގަޅު ކާނާ ކެއުމުގައި ބޭނުންކުރުމަށް އާދަ ކުރާށެވެ. ތަރުކާރީ އާއި މޭވާ ކެއުމަށް ޚާއްޞަ އަހައްމިއްޔަތެއް ދޭށެވެ. ޗުއިންގަމް ފަދަ އެއްޗެއް ބޭނުންކުރާ އިރު ރަނގަޅީ ހަކުރު އެކުނުލެވޭ ވައްތަރެއްގެ ޗުއިންގަމް އިޚްތިޔާރު ކުރުމެވެ.