ކެއުމުގައި ހިމަނާ ތަރުކާރީ އާއި މޭވާގެ ވަކިވަކި ބާވަތްތަކަކީ ހަށިގަނޑަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާ ލިބޭ ބާވަތްތަކެވެ. އެފަދަ ބާވަތްތަކުގައި ހުންނަ ޕްރޮޓީން އާއި މިނަރަލް ހަށިގަނޑަށް ޖެހިފައި ހުންނަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ކުރީ ކޮޅުގައި އެ ބައްޔަކާއި ހަނގުރާމަ ކުރެ އެވެ.
އެމެރިކާގެ ޔުނިވާސިޓީއެއް ކަމަށްވާ އޮހިއޯ ސްޓޭޓް ޔުނިވާސިޓީން ކުރި ދިރާސާއެއްގައި ބުނެފައިވަނީ މޭވާ އާއި ތަރިކާރީގެ ތެރެއިން ޓޮމާޓޯ އަކީ ފިރިހެނުންނަށް ފައިދާ ބޮޑު މޭވާއެއް ކަމަށެވެ. އެގޮތުން ޓޮމާޓޯ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާނަމަ ފިރިހެނުން ކެންސަރުން ދުރުކޮށްދޭ ކަމަށެވެ. ހާއްސަކޮށް ހަމުގެ ކެންސަރެވެ.
އެ ދިރާސާއަށް ފަހު ސައިންސްވެރިން ބުނެފައިވަނީ އެފަދަ ބަދަލެއް ޓޮމާޓޯ ކެއުމުން އަންހެނުންނަށް ނާންނަ ކަމަށެވެ.
ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރަކު ވިދާޅުވީ އެ ދިރާސާއިން އެނގިގެން ދިޔައީ ފަރުވާއަށް އުފައްދާ ބޭހާއި ތަފާތު ކާއެއްޗެއްސަކީ އަންހެނުންނާއި ފިރިހެނުންނަށް އެއްވަރަށް އެއެއްޗަކުން ފައިދާ ލިބޭ ނުވަތަ ރަނގަޅު އެއްޗެއް ނޫން ކަމެވެ. އެހެންވެ އުފެއްދުންތައް ޓެސްޓު ކުރުމާއި އުފެއްދުމުގައި ދެ ޖިންސަށް ސަމާލުކާން ދޭން ފަށަން ޖެހިފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ވަނީ ކެންސަރާއި ޓޮމާޓޯއާއި ގުޅުން ހުރި ވަރު ބެލުމަށް ދިރާސައެއް ކޮށްފަ އެވެ. އޭގެ ނަތީޖާގައިވެސް ބުނެފައިވަނީ އާންމުކޮށް ކޮންމެ ދުވަހަކު ޓޮމާޓޯ ކެއުމުގައި ހިމަނާނަމަ ކެންސަރު ޖެހުމުގެ ފުރުސަތު 10 ޕަސެންޓް ދުރުކޮށްދޭ ކަމަށެވެ.