ދުވާލަކު ކިހާވަރަކަށް ހިނގޭ ހެއްޔެވެ؟ އެއްތަނުން އަނެއް ތަނަކަށް ދިއުމަށްޓަކައި ފައިމަގު އިޚްތިޔާރު ކުރެވޭ ހެއްޔެވެ؟ ނޫން ކަމަށް ވާނަމަ ދެން މި ގޮތް އިޚްތިޔާރު ކުރަން އާދަކުރާށެވެ.
ދުވާލަކު 10،000 ފިޔަވަޅު އެޅުމަކީ ކެންސަރު ފަދަ ބޮޑެތި ބަލިތަކުން ދުމުކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.
މީގެ ކުރިން ހެދިފައިވާ ދިރާސާތައް ބުނާ ގޮތުން ޒުވާން އުމުރުން ފެށިގެން މެދު އުމުރުގައި ވެސް އަހަރެއްގެ މައްޗަށް ކޮންމެ އިންސާނެއްގެ ވެސް ބަރުދަން އެވްރެޖްކޮށް 1.3 ކިލޯ އިތުރުވެ އެވެ.
އެހެން ނަމަވެސް ދުވާލެއުގެ މައްޗަށް 10،000 ފިޔަވަޅު އެޅުމަކީ ބަރުދަން އިތުރުވުމުގެ ސަބަބުން މަގުފަހިވާ އެތައް ބައްޔެއް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ވެސް މިގޮތަށް ކޮންމެ ދުވަހަކު ހިނގުމަކީ ކެންސަރާއި ކިޑްނީ ބަލި ފަދަ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތަކުގައި މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ. އިވާން ބްރިޓަން ވިދާޅުވީ ދުވާލަކު 10،000 ފިޔަވަޅަށްވުރެ ގިނައިން ހިނގާނަމަ ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުން ފަދަ ކަންކަމުގެ ނުރައްކާ ވެސް ކުޑަވާ ކަމަށެވެ.
"އަޅާ ކޮންމެ ފިޔަވަޅަކާއެކު އޮބީސިޓީއާ، އެއާ ގުޅުންހުރި ނުރައްކާތަކުން ދުރަށް ޖެހެވޭ" އިވާން ވިދާޅުވި އެވެ.
އެހެން ކަމުން އާއްމު ދިރިއުޅުމުގައި ވެސް ދުއްވާ އެއްޗެހީގައި ތަންތަނަށް ދިއުމުގެ ބަދަލުގައި ހިނގާބިނގާވެ އުޅެން އާދަކުރުމަކީ މުހިއްމު ކަމެކެވެ.