ކާނާ ތައްޔާރު ކުރުމާއި ކެއުމުގައި ކުރެވޭ އިސްރާފުތަކަށް ވިސްނާލިން ހެއްޔެވެ؟ ނުކައި އުކާލާ ކާއެއްޗެހިން ފެށިގެން ކެއްކުމުގއި އުފެދޭ ކުންޏަކީ ވެސް ހަމަ އިސްރާފެވެ. އެގޮތުން ފިޔައިގެ ތޮށްޓަކީ އަހަރުމެންނަށް ކުނީގެ ގޮތުގައި އުކާލެވޭ މައިގަނޑު އެއް ބާވަތެވެ.

އެހެން ނަމަވެސް ފިޔާގެ ތޮށްޓަކީ ތި ހީކުރާފަދަ ބޭކާރު އެއްޗެއް ނޫނެވެ. ނޮޅާލުމަށްފަހު އެއްލާލުމުގެ ބަދަލުގައި އެއިން ކުރެވޭނެ ކިތަންމެ ކަމެއް ހުރެ އެވެ. ލިބޭ އެތައް ފައިދާއެއްވެ އެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ފިޔާގެ ތޮށީގައި ހިމެނޭ ކުއަސެޓިންގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދީ އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. އަދި ލޭ ހޮޅިތައް ބެދުމުން ސަލާމަތްކޮށްދެ އެވެ. މިއީ ހިތުގެ ބަލިތައް ޖެހުމުން ދުރުވުމަށް ބޭނުން ކުރަން ވެސް އެންމެ ރަނގަޅު އެކައްޗެކެވެ.

މީގެ އިތުރުން ވެސް ހަށިގަނޑުގައި ހިމެނޭ އެލްޑީއެލް ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ، އެލާޖީތަކުން ދުރުކޮށްދެ އެވެ. އަދި ހަށިގަނޑުގެ ފިނި ހޫނިމިން އެއްވަރެއްގައި ހިފަހައްޓައިދީ ހަށިގަނޑުގެ މަސްތައް ރަނގަޅަށް ހަރަކާތްތެރިވެ ހެދި ބޮޑުވާން ފަސޭހަކޮށްދެ އެވެ. މީގެ އިތުރުން ވެސް ފިޔާގެ ތޮށްޓަކީ ޑިޕްރެޝަން އަށް ފަރުވާ ކުރާ މީހުންނަށް ވެސް އޮތް ހައްލެކެވެ.

ދެން އުފެދޭނެ ސުވާލަކީ އާއްމުކޮށް ކުނީގެ ގޮތުގައި ބެލެވޭ މިތޮށިތައް ބޭނުން ކުރެވޭނީ ކިހިނެއްތޯ އުފެދޭ ސުވާލެވެ.

ސޫޕް އެއް ތައްޔާރު ކުރާއިރު ފިޔާގެ ތޮށި ސޫޕްގަނޑުގެ ތެރެއަށް ރީތިކޮށް ދޮވެލުމަށްފަހު އެއްކޮށްލާށެވެ. އަދި ރަނގަޅަށް ކެކެންދެން މަޑުކޮށްލާށެވެ. މިގޮތަށް ރަނގަޅަށް ސޫޕް ކެއްކުމަށްފަހު ތޮށިތައް ނަގާށެވެ. އެގޮތުގެ މަތިން ތޮށިތަކުގެ ތާސީރުތައް ސޫޕަށް އެއްވާނެ އެވެ.

ސައި ހަދާ ޖަގުގެ ތެރެއަށް ނުވަތަ ޖޯޑު ތެރެއަށް ފިޔާގެ ތޮށި އެޅިދާނެ އެވެ. އަދި ހޫނުފެން އެޅުމަށްފަހު ރަނގަޅަށް ތޮށިތައް މިލަންދެން ބަހައްޓާށެވެ. ނޫންނަމަ ހޫނު ފެން ކައްކާއިރު ފެންކައްކާ އެއްޗެއްގެ ތެރެއަށް ވެސް ފިޔާގެ ތޮށި އެޅިދާނެ އެވެ.

ފައި ދުޅަވެ ނުވަތަ މަސްތަކަށް ތަދުވާނަމަ ތަދުވި ތަނެއްގައި އުނގުޅަން ބޭނުން ކުރާ ތެޔޮ އެއްޗެއްގެ ތެރެއަށް ފިޔާގެ ތޮށިލާފައި 15 ނުވަތަ 20 މިނެޓް ވަންދެން ބެހެއްޓުމަށްފަހު އެ ތެލެއް އުނގުޅާށެވެ. މިއީ ދުޅަވުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ.

ފިޔާގެ ތޮށްޓަކީ އިސްތަށި ފޭބުމާއި ހަންފޮޅުމަށް ވެސް އޮތް ފަރުވާ އެކެވެ. ހޫނުފެނުގައި ރަނގަޅަށް ފިޔާގެ ތޮށިތައް ކައްކާލުމަށްފަހު އެފެނުން ރަނގަޅަށް މަސާޖުކޮށްލާވެ. މިއީ ބޮލުގައި ލޭ ދައުރުވުން އިތުރުކޮށްދީ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމެކެވެ.

އެހެން ކަމުން ދެން ވެސް ފިޔާ ނޮޅުމަށްފަހު އޭގެ ތޮށިތައް އުކާލުމުގެ ކުރިން ވިސްނާލާށެވެ.