ދުވާލަކު ފަސް ގަޑިއިރު ނުވަތަ އެއަށްވުރެ މަދުން ނިދާ މީހުންގެ އުމުރުގެ ފަހު ބައިގައި ތަފާތު އެކި ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުން ބައިވެރި ކޮށްގެން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި ދުވާލަކު ފަސް ގަޑިއިރަށް ވުރެ މަދުން ނިދާނަމަ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އޭގެ ތެރޭގައި ކެންސަރާއި ކިޑްނީ ބަލި އަދި ހަކުރު ބަލި ފަަދަ ބަލިތައް ހިމެނެ އެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ މެދުގައި ކުރެވުނު ތަހުލީލުތަކުން ދުވާލަކު ފަސް ގަޑިއިރަށްވުރެ މަދުން ނިދާ މީހުންނަށް ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު އެ ނޫން މީހުންނަށް ވުރެ 32 ޕަސެންޓް އިތުރެވެ.

އެގޮތުން ހަމަނިދި ނުލިބޭ މީހުންގެ ތެރެއިން 40 ޕަސެންޓް މީހުން އުމުރުން 70 އަހަރު ވިއރު ކޮންމެވެސް ކަހަލަ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކަމަށް ދިރާސާގައި ހާމަކޮށްފައިވެ އެވެ.

މިކަމަށް ބާރުދީ މީގެ ކުރިންވެސް ގިނަ ދިރާސާތަކެއް ކުރެވިފައިވާއިރު ޒުވާން އުމުރުގައި ވެސް ނިދި މަދުވުމަކީ ގިނަ މައްސަލަތަކަށް މަގުފަހިވާ ކަމެއް ކަމަށް ސައިންސްވެރިންނާއި ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.

އެހެން ކަމުން ކިތަންމެ ބުރަކޮށް އުޅަމުން ވިޔަސް އެންމެ މަދުވެގެން ރެއަކާއިދުވާލު 8 ގަޑިއިރުގެ ނިދި ހަމަ ކުރަން އާދަ ކުރަން ޖެހެ އެވެ.