ދަރިފުޅު ބޮޑާހާކާ ބަސްނާހާނަމަ ގިނަ ބެލެނިވެރިންނަށް ޓީވީގެ އެހީގައި ކުއްޖާ ހައްލާލެވެ އެވެ. އެހެން ނަމަވެސް މިކަމުން ނޭނގި ނަމަވެސް ކުއްޖާއަށް އެ ދަސްކޮށް ދެވެނީ ގޯސް އާދަ އެކެވެ. މި ގޯސް ހަދާއިރު އެއީ ސިއްހީ ގޮތުން ވެސް މިއީ ނުރައްކާތެރި ކަމެއް ކަމަށް ދިރާސާއަކުން ވަނީ ހޯދިފަ އެވެ.

އުމުރުން ނުވަ އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިން ތިން ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ވަންދެން ޓީވީ ބެލުމާއި ސްމާޓްފޯނު ކުޅުމުގައި ވަގުތު ހޭދަ ކުރާނަމަ އެފަދަ ކުދިންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޖާނަލް އޮފް އާކައިވްސް އޮފް ޑިސީޒް އިން ޗައިލްޑް ހޫޑް ގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވެ އެވެ.

ލަންޑަންގެ 200 ޕްރައިމަރީ ސްކޫލަކުން 4،500 ކުދިން ބައިވެރިކޮށްގެން ކުރި އެ ދިރާސާގައި ބުނެފައިވަނީ، އޭގެ ތެރެއިން ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ ކޮންމެ ދުވަހަކު ވެސް ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު ޓީވީ ބެލުމާއި ނުވަތަ ސްމާޓްފޯނު ބޭނުން ކުރުމުގައި ހޭދަ ކުރާ ކުދިން ކަމަށެވެ.

މިގޮތަށް ޓީވީ ބެލުމުގައި ނުވަތަ ސްމާޓް ފޯނު ކަހަލަ އާލާތެއް ބޭނުންކުރާ ވަގުތު ދިގު ލައިގެން ދާއިރު، ކުދިންގެ ހަށިގަނޑުގެ މަސައްކަތްތައް މަޑުޖެހި ސެލްތަކުން އިންސިއުލިން އަށް މެސެޖްތައް ފޮނުވުމުގައި ލަސްތަކެއް މެދުވެރިވެ އެވެ.

މީގެ ސަބަބުން ހަށިގަނޑުގައި ލޭގައި ހިމެނޭ ހަކުރުގެ މިންވަރަށް ބަދަލު އާދެ އެވެ. އަދި ލޭގެ ޕްރެޝަރަށް ބަދަލު އައިސް ހަށިގަނޑުގައި ހިމެނޭ ބޮޑީ ފެޓަށް ވެސް ބަދަލު އާދެ އެވެ. ދިރާސާއިން ދައްކާގޮތުން ތިން ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ހަށިގަނޑުގައި މިހުރިހާ ބައިތަކެއް ވެސް މަތިވެ އެވެ

އެ ދިރާސާގައި ބުނެފައިވަނީ ކުދިން ޓެކްނޮލަޖީގެ ވަސީލަތްތަކުގެ ސްކްރީންތަަކަށް ބަލަހައްޓައިގެން ތިބޭ ވަގުތުތައް މަދުކޮށް އޭގެ ބަދަލުގައި ހަރަކާތްތެރިވެ އުޅުން މުހިއްމު ކަމަށެވެ.