ބޭކިންގު ސޯޑާއަކީ އާއްމުކޮށް ހުރިހާ ބަދިގެއަކުންވެސް ލިބެން ހުންނަ އެއްޗެކެވެ. ތަފާތު ވައްތަރުގެ ކާއެއްޗެހި ތައްޔާރު ކުރުމަށް ބޭނުންކުރާ އެ ސޯޑާ އަކީ ކެއްކުމާއެކު، އެހެނިހެން ގިނަ ކަންތައްތަކަށް ވެސް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.
އެގޮތުން ބޭކިންގ ސޯޑާ ބޭނުން ކޮށްގެން ކޮށްއުޅޭ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަމީ ދަތްތައް ސާފުކޮށް ހުދު ކުރުމެވެ. ބޭކިންގ ސޯޑާ އަކީ ދަތްތައް ހުދު ކުރުމަށް ޒަމާނުއްސުރެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.
އެގޮތުން މި ލިޔުމުގައި، ބޭކިންގ ސޯޑާ ބޭނުންކޮށްގެން ދަތްތައް ހުދުކުރާނެ ގޮތަކަށް ބަލާލާނަމެވެ.
ސައި ސަމްސަލެއްގެ ދެ ބައިކުޅަ އެއްބައި ބޭކިންގު ސޯޑާ ކުޑަ ތަށްޓަކަށް އަޅާލާށެވެ. އަދި އެއަށް ކުޑަ ކުޑަ ލުނބޯ ހުތް ކޮޅެއް ނުވަތަ ފެން ފޮދެއް އެއްކޮށްލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
އެ ޕޭސްޓުގަނޑު ތައްޔާރު ކުރެވުމުން، ދަތް އުނގުޅާ ބުރުހަކުން ނުވަތަ އިނގިލިން ނަމަވެސް ދަތްތަކުގައި އެ ޕޭސްޓުގަނޑު ހާކާލާށެވެ. އަދި ދެ ތިން މިނެޓު ވަންދެން މަޑުކޮށްލާށެވެ.
އެއަށްފަހު ބުރުހުން އާދަކޮށް ކޮންމެ ދުވަހަކުވެސް ދަތް އުނގުޅާ ފަދައިން ދަތްތައް އުނގުޅާލާށެވެ. އަދި ރީތި ފެންފޮދަކުން އަނގަ ދޮވެލާށެވެ. އަދި ދަތްތައް ރަނގަޅަށް ހުދު ވަންދެން ކޮންމެ ދުވަހަކުވެސް މި ފަދައިން ކަންތައް ކުރާށެވެ.