ބެއިޖިންގް (23 އޮކްޓޯބަރު) - ޗައިނާގެ 40 އަހަރުވީ ދިގު ތާރީޚު ބަދަލުކޮށް، އެ ގައުމުގެ މިހާރުގެ ރައީސް ޝީ ޖިންޕިން ވެރިކަމުގެ ތިންވަނަ ދައުރެއް ފުރިހަމަ ކުރައްވާނެކަން ޔަގީންވެއްޖެ އެވެ.

މިހާރު ވެސް ވެރިކަމުގައި 10 ވަނަ އަހަރު ގުނުއްވަމުން ގެންދަވާ ޝީ ޖިން ޕިންއަށް މިއާއެކު މަދުވެގެން އިތުރު ފަސް އަހަރުގެ ދައުރެއް ލިބުނީ އެވެ.

މިއީ 1980 ވަނަ އަހަރު އެ ގައުމުގައި ދިގު 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ޗެއާމަން މާއޯގެ ވެރިކަމަށްފަހު ތަންފީޒު ކުރެވުނު ރައީސުންގެ ދެ ދައުރުގެ ގަވާއިދު ބަދަލުކޮށް ރައީސަކު ތިންވަނަ ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ފަހަރެވެ. އެ ގަވާއިދު އޮތް ގޮތުން ޗައިނާގައި އެންމެ ގިނަވަގެން ވެސް ރައީސަކަށް ވެރިކަމުގައި ހުރެވޭނީ ދެ ދައުރަށެވެ.

ރައީސް ޝީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ޗައިނާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާނެ ބޭފުޅުން ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ.

1980ގެ އަހަރުތަކުގައި ވެރިކަން ކުރެއްވި ޗެއާމަން މާއޯގެ ދިގު ވެރިކަމުގައި ޗައިނާގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، މާއޯ އަވަހާރަވުމަށްފަހު ކޮންމެ ރައީސަކަށް ވެސް އެންމެ ގިނަވެގެން ދެ ދައުރު ވެރިކަމުގައި ހުރެވޭ ގޮތަށް ޗައިނާގެ ގާނޫނު ވަނީ އިސްލާހު ކުރެވިފަ އެވެ.

އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ތެރޭގައި ރައީސް ޝީ ވަނީ މި އިސްލާހު ބާތިލު ކުރައްވައި ދެ ދައުރަށްވުރެ ގިނައިން ވެސް ރައީސުންނަށް ވެރިކަން ކުރެއްވޭނެ ގޮތް ހައްދަވާފަ އެވެ.

މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި މި އާ އިސްލާހަށްފަހު ޝީ ވެރިކަމުން ދުރުކުރުމަކީ އުނދަގޫ ކަމަކަށްވާނެ އެވެ. -- ސްކައި ނިއުސް