ކެރެޓަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ތަރުކާރީއެއްކަން އެންމެންވެސް ދަނެ އެވެ. ގިނަ މީހުންގެ މެދުގައި ކެރެޓް މަޝްހޫރު ވެފައިވަނީ ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުމަށް ވަރަށް ރަނގަޅު ކާނާއެއްގެ ގޮތުގަ އެވެ. މިއީ މުޅިން ދޮގަކަށް ނުވާއިރު ކެރެޓަކީ މީހާއަށް އެހެން އެތައް ގޮތަކުންވެސް ފައިދާ ކުރުވާ ކާނާ އެކެވެ.
މިގޮތުން ކެރެޓަކީ ހިތުގެ ބަލިން މީހާ ރައްކާތެރިކޮށްދޭ ތަރުކާރީއެއް ކަމަށް އެޑިންގްބާގްގައި ހުންނަ މަޝްހޫރު ވުލްފްސަން ގެސްޓްރޯއިންޓެސްޓިނަލް ލެބޯރެޓަރީގެ ދިރާސާއަކުން ވަނީ ދައްކުވައިދީފަ އެވެ. މި ލެބޯރޭޓަރީއިން ބުނާގޮތުގައި ތިން ހަފްތާ ވަންދެން ކޮންމެ ދުވަހަކު ވެސް އެންމެ ހަތް އައުންސްގެ ކެރެޓް ކާ މީހެއްގެ ކޮލެސްޓްރޯލް ލެވެލް 11 ޕަސެންޓް ދަށްވާކަމަށް ދައްކަ އެވެ.
މީގެ އިތުރުންވެސް ކެރެޓަކީ މީހާގެ ލޭގެ ޕްރެޝަރު ދަށް ކޮށްދިނުމަށްވެސް ވަރަށް ރަނގަޅު ތަރުކާރީއެއް ކަމަށް އެތައް ޑޮކްޓަރުންނެއް ވަނީ ހާމަކޮށްފަ އެވެ. ކެރެޓަކީ ޕޮޓޭސިއަމް އޭގައި ގިނަ އަދަދަކަށް ހިމެނޭ ތަރުކާރީ އަކަށްވާއިރު ކެރެޓްގެ ސަބަބުން ހަށިގަނޑުގެ ލޭ ދައުރުވުންވެސް ރަނގަޅުކޮށްދެ އެވެ.
ކެރެޓައަކީ މެކިއުލާރ ޑީޖެނެރޭޝަން ނަމަކަށް ކިޔާ އާންމުކޮށް އުމުރުން ދޮށީ މީހުންގެ ގައިން ފެންނަ ބައްޔަކުން ސަލާމަތްކޮށްދޭ ތަރުކާރީ އެކެވެ. ދިރާސާތަކުން ވަނީ ގިނަގިނައިން ބީޓާ ކެރޮޓިން ހަށިގަނޑަށް ލިބުނު ވަރަކަށް މި ބަލި ޖެހުމުގެ ފުރުސަތު ދަށް ކޮށްދޭކަމަށް ދައްކުވައިދީފަ އެވެ.
އަދި މީގެ އިތުރުންވެސް ލޮލުގެ ސިއްހަތު ރަނގަޅުކޮށްދީ ފެނުންވެސް ބީޓާ ކެރޮޓިން ހަށިގަނޑަށް ލިބުނުވަރަކަށް ރަނގަޅުކޮށްދޭނެ އެވެ. ކެރެޓަކީ ބީޓާ ކެރޮޓިން ގިނަ އަދަދަކަށް އެކުލެވޭ ތަރުކާރީ އެކެވެ.