މިއަހަރުގެ ޒުވާނުންގެ ދުވަހުގެ އެވޯޑުތައް އެކި ދާއިރާތަކުން 10 ޒުވާނަކަށް ދީފިއެވެ.

ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޒުވާނުނަށް އެވޯޑުތައް ހަވާލުކޮށްދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.

މިރޭ ދީފައި ވަނީ ތަފާތު ނުވަ ދާއިރާއަކާއި، ނޭޝަނަލް ޔޫތު ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އެވޯޑެވެ.

މިފަހަރުގެ ޒުވާނުންގެ އެވޯޑުތައް ލިބިފައިވަނީ:

- ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން- މުހައްމަދު ޖައިލަމް / ގދ.ފިޔޯރީ، ޝާދީވިލާ

- ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން - ނީޝާ ޙަލީމް / މއ. ކޮކޯމާ

- ދަރުމަވެރިކަމުގެ ދާއިރާއިން- ފިރާޝާ މުޙައްމަދު / ހދ.ހަނިމާދޫ ރިލީފް

- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން- ޢަބްދުﷲ ޝަހުނީޒް / ނ.ޅޮހި އޯކިޑުމާގެ

- ދިވެހިބަހާއި ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން - ޢަލީ އަމީރު / ދ. ބަނޑިދޫ ލަކީސްޓާ

- ފަންނުވެރިކަމުގެ ދާއިރާއިން- ޢަބްދުﷲ ޝަފީޢު / ހދ.ވައިކަރަދޫ ހިސާން

- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން - އާފިރު މުޙައްމަދު / ގދ.ރަތަފަންދޫ

- ދަނޑުވެރިކަމުގެ ދާއިރާއިން - ޢަލީ ރަޝީދު / ލ.އިސްދޫ މޯނިންގްހައުސް

- ވޮކޭޝަނަލް ޓްރެއިނިންގގެ ދާއިރާއިން- އިބްރާހިމް ޝަރީފް / ޅ.ހިންނަވަރު، އުރަހަ

- ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރގްރާމްގެ ތެރެއިން - އަޙްމަދު އަޙްނަފް / އއ. ރަސްދޫ އަސަރީ

ޒުވާނުންގެ އެވޯޑަކީ، ތަފާތު އެކި ދާއިރާތަކުން ޒުވާނުން ކުރަމުންގެންދާ މަސައްކަތް ބަލައިގަނެ ހިތްވަރުދީ، ޒުވާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މިފަހަރުގެ ޒުވާނުންގެ އެވޯޑު ނުވަ ދާއިރާއަކަށް ހާއްސަކޮށްގެން ދިނަސް 18 ދާއިރާއަކަށް ވަނީ ހުޅުވާލާފަ އެވެ.

މިއަހަރު ޒުވާނުންގެ އެވޯޑް ހާސިލްކުރި ޒުވާނުންނަށް، މިޖަލްސާގައި އެވޯޑް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑް ލިބިފައި ވަނީ 10 ޒުވާނުންނަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ، ރާއްޖޭގެ ޒުވާނުންނާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހެދި ދިރާސާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވާފައެވެ. މިޖަލްސާގައި މި ދިރާސާ ރިޕޯޓް ހުށައަޅުއްވައި ދެއްވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒެވެ.

ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހެވެ.