ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވާ ނަމަ އެކަމުގައި ވެސް ހައްދެއް އޮންނަން ޖެހޭ ކަމަށާއި މާގިނައިން ދުވުމަކީ އެއްގޮތަކަށް ވެސް ކަސްރަތު ނުކުރުމާ އެއްވަރު ކަމަކަށް ވެދާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ޖާނަލް އޮފް ދި އެެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ސައިންސްވެރިން މިހެން ބުނެފައި ވަނީ ދުވާ، ސިއްހަތު ރަނގަޅު އަދި ނުދުވާ 1000 މީހުންގެ މައުލޫމާތު 12 އަހަރު ދުވަހު އެއްކުރުމަށް ފަހު ކުރި ދިރާސާއަކަށް ފަހުގަ އެވެ.

ރިޕޯޓްގައި ބުނެފައި ވަނީ މި މީހުންގެ މައުލޫމާތުން އެނގުނު ގޮތުގައި، ހަފުތާ އަކު ދެ ގަޑި އިރާ ބައި ވަންދެން ދުވި މީހުންނަކީ މި ދިރާސާގެ މުއްދަތުގައި ފުރާނަ އަށް ނުރައްކާ ވެދާނެ ފަދަ ސިއްހީ މައްސަލައެއް ކުރިމަތި ވުމުގެ ފުރުސަތު އެންމެ ކުޑަ މީހުން ކަމަށެވެ. މި މުއްދަތުގައި ފުރާނަ އަށް ނުރައްކާ ވެދާނެ ސިއްހީ މައްސަލައެއް ކުރިމަތި ވުމުގެ ފުރުސަތު އެންމެ ބޮޑު ކަމަށް ދައްކާފައި ވަނީ ހަފުތާއަކު ހަތަރު ގަޑިއިރަށް ވުރެ ގިނައިން ދުވި މީހުންނާއި އެއްގޮތަކަށް ވެސް ކަސްރަތު ނުކުރާ މީހުންނެވެ.

ބާރަށް، ގަޑިއަކު ހަތް މޭލަށް ވުރެ ބާރަށް ހަފުތާ އަކު ތިން ފަހަރަށް ވުރެ ގިނައިން ދުވާ ނަމަ އެއީ ކަސްރަތު ނުކުރާ މީހެކޭ އެއްވަރުގެ ހާލަތަކަށް މީހާ ގެންދާ ކަމެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

"ރަނގަޅު ސިއްހަތެއްގައި ހުންނަން އެހާވަރު އަރުވާލާކަށް ނުޖެހޭ،" ކޮޕެންހޭގަންގެ ފްރެޑެރިސްކްބާގް ހޮސްޕިޓަލްގެ ޖޭކޮބް ލުއިސް މެރޯޓް ވިދާޅުވެފައިވެ އެވެ.

ސައިންސްވެރިން ވިދާޅުވެފައި ވަނީ ދުޅަހެޔޮކަންމަތީ ހުންނަން "މެރަތަން ދުވަން ނުޖެހޭ" ކަމަށެވެ. ނަމަވެސް ލުއި ގޮތަކަށް، ހަފުތާ އަކު 150 ވަރަަކަށް މިނެޓްގެ ކަސްރަތު ލިބުމުން ފުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މާގިނައިން ދުވުމުން ސިއްހަތަށް ފައިދާ ނުވެ ގެއްލުން ވަނީ ކީއްވެގެން ކަމެއް ސައިންސްވެރިިންނަށް އަދި ކަނޑައެޅިގެން ބުނާކަށް ނޭނގެ އެވެ. ނަމަވެސް މިކަމާ ގުޅިފައި ވަނީ މާބޮޑަަށް ވަރުބަލިވާ ގޮތަށް ލިބޭ ކަސްރަތުން ހިތަށް އަންނަ ބަދަލުތައް ކަމަށް ބެލެވެ އެވެ.