ގިނަ މީހުންނަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބަހައްޓަން މޭވާ ކައި އުޅޭ މީހުންނެވެ. މޭވާ ބޭނުންކޮށްްގެން، އެކި ވައްތަރުގެ ފޭސް ޕެކްސް ފަދަ ތަކެތި ވެސް ހަދައި އުޅެ އެވެ.

ރީތިވުމަށް މީރު މޭވާއެއް ބޭނުންކުރާ ނަމަ ކިވީ މި ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެ އެވެ. ކިވީ އަކީ ހަންގަނޑު ރީތިކޮށް ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ ގިނަ މާއްދާތައް ހިމެނޭ މީރު މޭވާ އެކެވެ.

ކިވީ އަކީ ނިއުޓްރިއެންޓްސް ގިނަ މޭވާ އެކެވެ. އެގޮތުން، ހަންގަނޑަށް އެންމެ ބޮޑަށް ބޭނުންވާ ނިއުޓްރިއެންޓްސްގެ ގޮތުގައި ހިމެނޭ ވިޓަމިން އޭ، ސީ އަދި އީ ގިނަ އަދަދަކަށް ހިމެނެ އެވެ. ހަންގަނޑަށް ބޭނުންވާ މި ތިން ވިޓަމިން ފްރީ ރެޑިކަލްސް ނިއުޓްރަލައިޒް ކޮށް އަވަހަށް މުސްކުޅިވުމުން ދުރުކޮށް ދިނުމަށް އެހީތެރިވެދެ އެވެ.

މީގެ އިތުރުން އޮކްސިޑޭޝަންގެ ސަބަބުން ހަންގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންވެސް ކުޑަކޮށްދެ އެވެ. އެހެންކަމުން މި ވިޓަމިންތައް، ހަންގަނޑުގައި ހަލާކުވެފައި ހުންނަ ސެލްތައް އަލުން އުފެދުމަށް އެހީތެރިވެ، ހަންގަނޑު ރީތިކޮށް އޮމާންކޮށް އަދި ޒުވާންކަމަށް ދެއްކުމަށް އެހީތެރިވެދެ އެވެ.

ގިނަ އަދަދަކަށް ވިޓަމިންސް ހިމެނުމުގެ އިތުރުން، ކިވީގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް މާއްދާ ހިމެނެ އެވެ. މި އެންޓި އޮކްސިޑެންޓް ފްރީ ރެޑިކަލްސް ނިއުޓްރަލައިޒް ކޮށް ދިނުމުގެ އިތުރުން، ހަންގަނޑު ގައި ހަލާކުވެފައި ހުންނަ ސެލްސްތައް އަލުން އުފެދުމަށް އެހީތެރިވެދެ އެވެ. އެހެންކަމުން ގަވާއިދުން ކިވީ ކާނަމަ މުސްކުޅި ވުމުގެ ސިފަތައް ލަސްކޮށްދެ އެވެ. އަދި މޫނުގައި ހުންނަ ކަޅު ލައްތައް ފިލުވައި މޫނުގައި ހުންނަ ރޫތައްވެސް ފިލުވުމަށް އެހީތެރިވެ އެވެ.

ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނޭ މި މޭވާ ގަވާއިދުން ކާނަމަ ހަށިގަނޑުގައި ހުންނަ ފާރު ފަދަ ތަންތަން ފަސޭހައިން ރަނގަޅުވުމަށް އެހީތެރިވެދެ އެވެ. މީގެއިތުރުން ކިވީ އަކީ އޮމޭގާ 3 އާއި ފެޓީ އެސިޑް ގިނަ އަދަދަކަށް ހިމެނޭ މޭވާއެއް ކަމުން ހަށިގަނޑުގެ ސެލް މެމްބްރޭން ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދެ އެވެ. ހަންގަނޑަށް ޖެހޭ ތަފާތު ބަލިތަކުން ސަލާމަތްވުމަށް މިކަމުން އެހީތެރިވެދެ އެވެ.

މި ހުރިހާ ކަންކަމަށް ބަލާއރު ކިވީ ނުކައި ދޫކޮށްލާންވީ ސަބަބެއް ނެތެވެ.