އައްޑޫގައި ޝަންގްރިއްލާ ކުންފުނިން ހިންގާ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފި އެވެ.

ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރު ރަހީމް ފްލީން ސޮއެކޮށް އެ ރިސޯޓުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން، ރިސޯޓް އަލުން އޮޕަރޭޝަނަށް ގެންނަން ގޮތްތަކެއް ބެލި ނަމަވެސް ހިންގޭނެ އެއްވެސް ގޮތެއް ނުފެނުމުން ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ.

އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާނެ އެވެ. އެގޮތުން، ވަރަށް ގިނަ އަންހެނުންގެ ވަޒީފާވެސް ގެއްލިގެންދާނެ އެވެ.

އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ބަންދުކޮށް، މުވައްޒަފުންނަށް މުސާރަ ކުޑަކުރުމަށް ފަހު ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދީފައިވެ އެވެ. ނަަމަވެސް، ބޯޑަރު ހުޅުވުމާއިއެކު، ރިސޯޓްތައް އަންނަނީ ހުޅުވަމުންނެވެ. --އެމްބީއެސް