ތެހްރާން (26 އޮކްޓޯބަރު) - އީރާނުގައި މިހާރު ކުރިއަށްދާ ދާޚިލީ ހަމަނުޖެހުންތަކުގައި އެމެރިކާގެ ސީދާ ބައިވެރިވުން އެބައޮތް ކަމަށް ބުނެ އެ ގައުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އީރާނުން ބުނެފި އެވެ.

އެމެރިކާގެ އިތުރުން ވެސް އީރާނުން ވަނީ ހަމަނުޖެހުންތައް ޕްރޮމޯޓް ކުރުމުގައި އިނގިރޭސި ވިލާތާއި ސައޫދީ އަރަބިއާއިން ވެސް ބޮޑު ދައުރެއް އަދާ ކުރަމުންދާ ކަމަށް ބުނެ އެ ދެ ގައުމަށް ވެސް އިންޒާރު ދީފަ އެވެ.

ހެދުން އެޅުމުގެ އަދަބުތަކާ ޚިލާފުވި ކަމަށް ބުނެ އީރާނުގެ ފުލުހުން ހައްޔަރުކުރި އުމުރުން 22 އަހަރުގެ މަހްސާ އަމީނީގެ މަރާއެކު އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން އާއްމުންނާއި ފުލުހުންގެ ކުރިމަތިލުންތަކާއި އަމިއްލަ އަދި ދައުލަތުގެ މުދަލުގައި ހުޅު ޖެހުން އެގައުމުގައި އާއްމު ކަމަކަށް ވެފައިވާއިރު ސަރުކާރުން އަންނަނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުންކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެހެން ނަމަވެސް ބޭރުގެ ގައުމުތަކުގެ އެއްބާރުލުމާއެކު އިދިކޮޅު ފަރާތްތަކާއި އާއްމުންގެ ހަމަނުޖެހުންތައް ވަރުގަދަ ވަމުން އަންނައިރު ސަރުކާރަށް ވަނީ އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އެގޮތުން އަންހެނުންގެ މިނިވަން ކަމާއި ހައްގުތައް ހަނިކުރާ ކަމަށް ބުނެ އެމެރިކާއިން އީރާނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު އެހެން ގައުމުތަކުން ވެސް ވަނީ އީރާނުގެ ސިޔާސަތުތައް ކުށްވެރިކޮށްފަ އެވެ.

އީރާނުން ވަނީ މީގެ ކުރިން ވެސް އެގައުމުގައި ހިނގި ހަމަނުޖެހުންތަކުގެ ތުހުމަތު އެމެރިކާއަށް ކޮށްފަ އެވެ. އެގޮތުން 2018 ވަނަ އަހަރު އީރާނުގައި ހިނގި ހަމަނުޖެހުންތަކަކީ ވެސް އެމެރިކާގެ ބައިވެރިވުމާއެކު ހިންގި ހަމަނުޖެހުންތަކެއް ކަމަށް އެގައުމުން ބުނެފައިވެ އެވެ. -- ސީއެންއެން