ދުވާލުގެ ވަގުތުތަކުގައި ވަރުބަލިވެގެން ފަސް މިނެޓަށް ލޯ މަރާލެވެ އެވެ. ސިކުނޑިއަށާއި ލޮލަށް ބްރޭކެއް ދިނުމުގެ ގޮތުންނެވެ. ނަމަވެސް ގިނަ ބައެއްގެ މި އާދަ އަކީ ސިއްހަތަށް ކޮންކަހަލަ އަސަރުތަކެއް ކުރުވާ އާދައެއްކަން އެނގޭބާވަ އެވެ.

އާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި، ޓައިޕް-2 ޑައިބެޓީސްގެ ނުރައްކާ ބޮޑުކޮށްދޭ އެއް ކަމަކީ ދުވާލު މާ ގިނައިރު ނިދުމެވެ. ޖަޕާނުގެ ޔުނިވާސިޓީ އޮފް ޓޯކިޔޯގެ ސައިންސްވެރިންގެ ޓީމަކުންކޮށްފައިވާ މި ދިރާސާގެ ރިޕޯޓްގައި ބުނެފައި ވަނީ ދުވާލުގަޑީގައި އެއް ގަޑިއިރަށް ވުރެ ގިނައިރު ނިދާ ނަމަ އެއީ ޓައިޕް-2 ޑައިބެޓީސްގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެ އެވެ.

ޓައިޕް-2 ޑައިބެޓީސް އަކީ ހަކުރު ބަލީގެ އެންމެ އާންމު ވައްތަރެވެ. އަލާމަތްތަކުގެ ތެރޭގައި ގިނަގިނައިން ކަރުހިއްކުމާއި ގިނަގިނައިން ކުޑަކަމުދެވުން އަދި އާދަޔާހިލާފު ގޮތަކަށް ބަރުދަން ލުއިިވުން ހިމެނެ އެވެ.

ޖަޕާނުގެ ތަޖުރިބާކާރުންގެ ޓީމުން ކުރިއަށް ގެންދިޔަ މި ދިރާސާގައި 300،000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށް ތަހްލީލުކޮށްފައިވެ އެވެ.

ދުވާލުގެ ވަގުތުތަކުގައި 60 މިނެޓަށް ވުރެގިނައިރު ނިދައިފި ނަމަ ޓައިޕް-2 ޑައިބެޓީސްގެ ނުރައްކާ 45 ޕަސެންޓަށް މަތިވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އަދި 40 މިނެޓްގެ ނިދި ނެގުމަކީ މި ނުރައްކަލުގެ އަލާމާތެއް ފެންނަ މިންވަރެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.