ސެންފަރެސިސްކޯ ( 28 އޮކްޓޯބަރު ) - ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ އިލަން މަސްކް ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާ ގަނެފި އެވެ.

ބުރާސްފަތި ދުވަހު މިކަން ޔަގީން ކޮށްދެމުން އިލަން މަސްކް ބުނެފައިވަނީ "ދޫނި މިނިވަން ވެެއްޖެ" ކަމަށާއި ކުރިއަށް އޮތީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮތް ދުވަސްތަކެއް ކަމަށެވެ.

ޓެސްލާގެ ވެސް ވެރިޔާ އިލަން މަސްކް އިތުރަށް ވިދާޅުވީ ޓްވިޓާއަކީ ނަފްރަތާއި ބައިބައިވުން އުފެއްދުމަށް ބޭނުންކުރާ ޕްލެެޓްފޯމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރާނެ ކަމަށެވެ.

އެހެން ނަމަވެސް މި އަމާޒްތައް ހާސިލް ކުރަން ބޭނުން ކުރާނެ ސިޔާސަތުތައް އިލަން ހާމަކޮށްފައެއް ނުވެ އެވެ.

44 ބިލިއަން އެމެރިކާ ޑޮލަރަށް ޓްވިޓާ ގަތުމަށްފަހު އެންމެ ފުރަތަމަ ކަަމަކަށް އިލަން ކުރެއްވި ކަމަކީ އެ ކުންފުނީގެ ބައެއް އިސް މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކި ކުރެއްވުމެވެ.

އެގޮތުން އެކުންފުނީގެ ޗީފް އެގްޒެކިއުޓިވް ޕަރަގް އަގަރުވާލްއާއި ޗީފް ފައިނޭންޝަލް އޮފިސަރު ނެޑް ސޭގަލް މަގާމުން ވަކިކޮށްފައިވާއިރު އެ ކުންފުނީގެ މުވައްޒަފުން ވެސް ބޮޑުތަނުން މަދު ކުރަން ވިސްނާ ކަމަށް ވެސް އިލަން ވަނީ ބުނެފަ އެވެ.

ޓްވިޓާ އިލަން މަސްކްގެ އަތް ދަށަށް އައުމާއެކު ކުރިއަށް އޮތް ތަުނުގައި އެ އެޕްލިކޭޝަންއަކީ ސުޕަ އެޕްލިކޭޝަންއަކަށް ވާނެ ކަމަށް ޓެކްނޮލޮޖީ ތަޖުރިބާކާރުން ބުނެ އެވެ. -- ރޮއިޓާސް