ތެހްރާން (28 އޮކްޓޯބަރު) - ހެދުން އެޅުމުގެ އަދަބުތަކާ ޚިލާފުވި ކަމަށް ބުނެ އީރާނުގެ ފުލުހުން ހައްޔަރުކޮށްފައި ހުއްޓާ މަރުވި މަހްސާ އަމީނީގެ އާއިލާ ގޭ ބަންދުކޮށްފި އެވެ.

އަމީނީގެ މަރާއެކު އީރާނުގައި ހަމަނުޖެހުންތައް އިތުރުވެފައިވާއިރު މި ހަމަނުޖެހުންތަކަކީ އަމީނީގެ އާއިލާއިން ރާވައިގެން ހިންގާ ހަމަނުޖެހުންތަކެއް ކަމަށް އީރާނުގެ ސަރުކާރުން ގަބޫލުކުރާ ކަމަށް ހަބަރުތައް ބުނެ އެވެ.

އަމީނީގެ އާއިލާގެ މެމްބަރަކު މީޑިއާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ އަމީނީ މަރުވީ ހައްޔަރުގައި ބަހައްޓައިގެން ފުލުހުން އޭނާއަށް ދިން އަނިޔާ ތަކުގެ ސަބަބުންކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަގީންވާ ކަމަށެވެ.

ހަމަނުޖެހުންތަކަށް 40 ދުވަސް ވެފައިވާއިރު އެއްވުންތަކުގެ ބައިވެރިންނަށް އަމާޒްކޮށް ފުލުހުންނާއި ސިފައިން ބާރުގެ ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އުމުރުން 22 އަހަރުގެ އަމީނީގެ މަރާ ގުޅިގެން ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހާތަނަށް ވެސް އާއްމުންގެ އެތައް ބަޔަކު މަރުވެ އަމިއްލަ އަދި ދައުލަތުގެ މުދަލަށް ވެސް ގެއްލުންތައް ލިބިފައިވެ އެވެ.