ސައި ބުއިމަކީ ސިއްހަތަށް ރަނގަޅު ކަމެއް ކަމަށް ގިނަ ތަޖުރިބާކާރުން އެއްބަސް ވެއެވެ. ސައި ބުއިމުން ހިތުގެ ސިއްހަތު ރަނގަޅުވެ، ދިފާއީ ބާރު ގަދަވެ އެވެ.

މިހާރު މަޝްހޫރުވަމުން އަންނަ އެއް ބުއިމަކީ ރީނދޫ ސައެވެ. ރީނދޫ ސަޔަކީ ޖަޕާނުން އުފަން ވެގެން އުޅޭ އެއްޗެކެވެ. މުގުރާފައި ހުރި ނުވަތަ ގާނާފައި ހުރި ރީނދުލުގައި ތައްޔާރު ކުރާ މި ސައި ބުއިމުން ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމަށްވެ އެވެ.

ރީނދޫ ސައި ބުއިމުން ސިއްހަތަށް ލިބޭ އެއް ފައިދާ އަކީ ދިފާއީ ބާރު ވަރުގަދަ ވުމެވެ. އަރިދަފުސް ރޯގާ އާއި ކެއްސުން ފަދަ އާއްމު ބަލުިތަކުން ރައްކާތެރި ވުމަށް ރީނދޫ ސައި ވަރަށް ރަނގަޅު އެހީވެދެ އެވެ. ސަބަބަކީ މިއީ ހަށިގަނޑަށް ވަންނަ އެކި ޖަރާސީމުތައް ނައްތާލަން ރަނގަޅު އެއްޗަކަށް ވުމެވެ.

ހަކުރު ބައްޔަށް ވެސް ރީނދޫ ސައި ރަނގަޅު ބުއިމެއް ކަމަށްވެ އެވެ. ހަކުރު ގިނަ ވުމުން ދުރުހެލިކޮށްދޭ ބާވަތްތައް ރީނދުލުގައި އެކުލެވެ އެވެ. އޭގެ އިތުރުން މިއީ ހިތުގެ ސިއްހަތަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ.

ތައްޔާރު ކުރާނެ ގޮތް

  1. ފެން ޖޯޑެއް ރަނގަޅަށް ކައްކާށެވެ.
  2. ދެ އިނގިލި ކުރިން ނެގޭ ވަރުގެ މުގުރި ރީނދޫ ކޮޅެއް އެއަށް އަޅާށެވެ. މުގުރި ރީނދުލުގެ ބަދަލުގައި ގާނާފައި ހުންނަ ރީނދޫ ވެސް ބޭނުން ކުރެވިދާނެ އެވެ.
  3. ރަހަތައް ރަނގަޅަށް ނުކުންނަންދެން ކައްކާލާށެވެ.
  4. ސައި ފުރާނާލުމަށްފަހު މާމުޔާއި ލުނބޯހުތް އަޅައިގެން ސައި ތައްޔާރު ކުރާށެވެ