ހެނދުނު ކަސްރަތަށް ނުކުންނަ މީހުންގެ މެދުގައި އަބަދުވެސް ކުރެވޭ ބަހުސެއް އޮވެ އެވެ. ކަސްރަތު ކުރުން ރަނގަޅީ ނާސްތާގެ ކުރިންތޯ ނުވަތަ ފަހުންތޯ ކުރެވޭ ބަހުސެވެ.

ހެނދުނު ކަސްރަތު ކުރާ މީހުން ސައި ނުބޮއި ކަސްރަތު ކުރުމުން ސަރުބީ ވިރުން އިތުރުވާނެ ކަމަށް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން މިވަނީ ބުނެފަ އެވެ.

ޔުނިވަސިޓީ އޮފް ބާތު އާއި ބާމިންހަމްގެ ސައިންސްވެރިންގެ ޓިމަކުން ވަނީ ހަ ހަފުތާ ވަންދެން ފަލަ މީހުންނާއި ފަލަބަލި ޖެހިފައިވާ މީހުންގެ ގްރޫޕެއް މޮނިޓާކޮށްފަ އެވެ. މި ގްރޫޕް ދެ ބަޔަށް ބަހާލައި އެއް ގްރޫޕަށް ކަސްރަތު ކުރުމުގެ ކުރިން ހެނދުނުގެ ނާސްތާ ދިނެވެ. އަނެއް ގްރޫޕުގެ މީހުން ކަސްރަތު ކުރީ އެއްވެސް އެއްޗެއް ނުކައެވެ.

ނަތީޖާ ދެއްކި ގޮތުގައި ކެއުމުގެ ކުރިން ކަސްރަތު ކުރި މީހުން ގައިން މާ ގިނަ ސަރުބީ އަނދާފައިވެ އެވެ. ކައިގެން ކަސްރަތު ކުރި މީހުންގެ ގައިން ސަރުބީ ވިރިފައި ވަނީ އަނެއް ގްރޫޕްގެ މީހުންނަށް ވުރެ މާ މަދުންނެވެ. އަދި ސައި ނުބޮއި ކަސްރަތު ކުރި ގްރޫޕްގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން ލެވެލް ހުރި މިންވަރު ވެސް އަނެއް ގްރޫޕްގެ މީހުންނަށް ވުރެ ދަށްކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ހަފުތާއަކު އެންމެ ދުވަހަކު މިގޮތަށް ހެނދުނު ސައި ނުބޮއި ކަސްރަތު ކުރިޔަސް ފައިދާކްރެ އެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ވެސް މިގޮތަށް ކަންތައް ކުރާނަމަ ލިބޭ ފައިދާ މާ ބޮޑުވާނެކަން މި ހޯދުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ހެނދުނު ސައި ބުއިމުގެ ކުރިން ކަސްރަތު ކުރުމުން ހަށިގަނޑުގައިވާ ސަރުބީތައް މާގިނައިން އަންދައި އަދި ކަސްރަތުން ލިބޭ ފައިދާ އިތުރުވެ މީހާގެ ފިޓްކަން ވެސް އިތުރުވެ އެވެ.

ސައިންސްވެރިން ބުނަނީ ކަސްރަތުކޮށް ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނެސްގެން ޓައިޕް 2 ޑައިބެޓީސް ކޮންޓްރޯލް ކުރެވި އެކަމުގެ ނުރައްކާތައް ކުޑަ ކުރެވޭކަން ވެސް މިހޯދުމުން ދައްކާ ކަމަށެވެ.

އެހެންކަމުން ހަކުރުބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންނާއި މިހާރުއްސުރެ ހަކުރުބަލި ޖެހިފައިވާ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ އެއްވެސް އެއްޗެއް ނުކައި ހައިބަނޑާ ހުރެ ކަސްރަތު ކުރުމެވެ.