ފާގައަކީ ދިވެހި ރާއްޖޭގައި ވެސް އާއްމުކޮށް ލިބުނު ނަމަވެސް މީހުންގެ މެދުގައި އެހާ މަގުބޫލު ބާވަތެއް ނޫނެެވެ. އެއިން ދޭ ހިތި ރަހައިގެ ސަބަބުން ކަމުގައި ވެދާނެ އެވެ. އެހެން ނަމަވެސް ފާގައިން ލިބޭ ސިއްހީ ފައިދާތައް އެނގޭނަމަ އެ ނުކައި ނުހުންނާނެކަން ޔަގީނެވެ. ރޮލަށް ނުވަތަ ދިޔަ ފެލައިގެން ފެނުގައި ގޮތުގައި ވިޔަސްމެ އެވެ.

އެގޮތުން ބަލާއިރު އެކި ގޮތްގޮތަށް ކެއުމުގައި ފާގަ ހިމެނުމަކީ މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެ ބަލިތަކުން ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ސައިންސްވެރިން ބުނެ އެވެ.

ހަމައެއާއެކު ދެމަފިރިކަމުގެ ގުޅުން ރަނގަޅު ކޮށްދިނުމުގެ މީހާގެ ހޯމޯންތައް ބެލެންސް ކޮށްދިނުމުގައި ވެސް ފާގަ މުހިއްމު ދައުރެއް އަދާކުރާ ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.

މީގެ އިތުރުން ފާގައަކީ ސްޓްރެސްއާއި އެންޒައިޓީ އަދި ޑިޕްރެޝަންއާ ހަނގުރާމަ ކުރަންވެސް ރަނގަޅު ކެއުމެކެވެ. މިހެން ކަމުން ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް މިއީ ރަނގަޅު ކެއުމެކެވެ.

ހަކުރު ބައްޔަކީ މިއަދު ދިވެހިންގެ މަދުގައި ވެސް އެންމެ އާއްމު އެއް ބައްޔެވެ. ފާގައަކީ ހަށިގަނޑުގެ އިންސިއުލިން ހުންނަ މިންވަރު ހަމައަކަށް އަޅުވައިދީ އިންސިއުލިންގެ ބާރުގަދަ ކޮށްދޭ އެއްޗެކެވެ.

މިހުރިހާ ސަބަބަކަށް ބަލާއިރު ރަހަ ނުބައި ކަމަށް ބުނެ ފާގަ ކެއުމުން ދުރުވެވޭކަށް ނެތެވެ.