ރޭގަނޑު ދަންވަންދެން ނުނިދާ އުޅުމަކީ ދިވެހި ޒުވާނުންގެ މެދުގައި ވެސް އާއްމު ވަމުން އަންނަ ގޯސް އާދަ އެކެވެ. އެކުވެރިންނާ ވާހަކަ ދެއްކުމުގަ އެވެ. ނުވަތަ ކޮންމެވެސް ފިލްމެއް ނުވަތަ ސީރީޒެއް ބެލުމުގަ އެވެ. ކޮންމެ ސަބަބަކާހުރެ ވިޔަސް ރޭގަނޑު ނުނިދާ އުޅުމަކީ އަމިއްލަ ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ.
ޑިޕްރެޝަންއަށް މަގުފަހިވުން
ހަމަ ނިދި ނުލިބޭނަމަ ޑިޕްރެޝަނަށް މަގުފަހިވެ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް 7 ނުވަތަ 9 ގަޑިއިރުގެ ނިދުން މުހިއުމެވެ. ދިރާސާތަކުން ދައްކާގޮތުގައި އާއްމުކޮށް ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށް ވުރެ މަދުން ނިދާނަމަ އެންޒައިޓީ އާއި ޑިޕްރެޝަނަށް މީހާ ވެއްޓެ އެވެ. ރަނގަޅަށް ނުނިދާނަމަ މީހާގެ މޫޑަށް އަސަރުކޮށް އަވަހަށް ރުންކުރުވެ އެހެން މީހުންނާ އޮންނަ ގުޅުމަށް ބުރޫ އަރަ އެވެ.
ބަރުަދަން އިތުރުވުން
ރަނގަޅަށް ނުނިދާނަމަ މީހާގެ ބަރުދަނަށް ވެސް އަސަރު ކުރެ އެވެ. ހޭލާ ހުރުމުން ގިނައިން ބަނޑުހައިވެ ކާހިތްވެ ގިނައިން ކެވުންވެސް މިއީ ދިމާވާ ކަމެކެވެ. ދިރާސާ އަކުން ދައްކާ ގޮތުގައި މަދުވެގެން ހަ ގަޑި އިރު ނުނިދާ މީހުންގެ 30 ޕަސެންޓަކީ މިނަށްވުރެ ފަލަ މީހުންނެވެ.
ހަންގަނޑަށް ގެއްލުން ލިބުން
މީހާއަށް ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަ ހަށިގަނޑުން ގިނަ އަދަދަކަށް ސްޓްރެސް ހޯމޯން ކޯޓިޒަލް ރިލީސް ކުރެ އެވެ. އޭގެ ސަބަބުން ހަންގަނޑުގެ އޮމާން ކަމާއި އިލާސްޓިކްކޮށް ބަހައްޓައިދޭ ޕްރޮޓީން ކޮލާޖަން ހަލާކުކޮށްލަ އެވެ. ނަތީޖާއަކަށްވަނީ ހަންގަނޑުގައި އަވަހަށް ރޫޖެހި މުސްކުޅި ވުމަށް މަގުފަހި ވުމެވެ.
ތޫނުފިލިކަން ގެއްލުން
ގިނަ ދަރިވަރުން ދަންވަރު ހޭލާ އުޅެނީ ފިލާވަޅު ދަސްކުރުމުގެ ބޭނުމުގަ އެވެ. އެހެން ނަމަވެސް މިއީ ބޭކާރު ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ރޭގަނޑު ހޭލާ އުޅޭނަމަ ސިކުނޑީގެ މަސައްކަތް ލަސްވެ އާ މައުލޫމާތުތައް ނަގައިގަންނަން އުނދަގޫވެ އެވެ.