ލަންޑަން (30 އޮކްޓޯބަރު) - މިފަހުން އިސްތިއުފާ ދެއްވި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ލިޒް ޓްރޫސްގެ ފޯނު ހެކްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ނޫހެއްގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ޓްރޫސްގެ ޒާތީ ފޯނު ހެކްކުރި ކަމަށް ބެލެވެނީ ރަޝިއާގެ އެޖެންޓުން ކަމަށެވެ.

އެގޮތުން ޓްރޫސްގެ ފޯނު މެދުވެރިކޮށް ސަރުކާރުގެ ސިއްރުތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ބައެއް މައުލޫމާތުތައް ވެސް ހެކްކުރި ފަރާތަށް ލިބިފައިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޓްރޫސްގެ ފޯނު ހެކް ކޮށްފައިވަނީ އޭނާ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުރިއިރު ކަމަށް ބުނެވެ އެވެ. އޭގެ ފަހުން ޓްރޫސް ވަނީ އެގައުމުގެ ބޮޑުވަޒީރުކަން ވެސް ވަރަށް ކުރު މުއްދަތަކަށް ކުރައްވާފަ އެވެ.

މި ރިޕޯޓާއެކު އިނގިރޭސި ވިލާތުގެ އިދިކޮޅު ޕާޓީއިން ވަނީ މި މައްސަލަ އިތުރަށް ބަލައި ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ރަޝިއާއަށް މި ތުހުމަތު ކުރެވިފައި މިވަނީ ޔޫކްރެއިން މައްސަލާގައި އިނގިރޭސި ވިލާތާއި ރަޝިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން އިނގިރޭސި ވިލާތް ހިމެނޭހެން އީޔޫގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެއީ މިފަދަ ކަމެއް ކުރަން ރަޝިއާއަށް އޮތް ސަބަބެއް ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ހެކް ކުރުމުގެ މި މައްސަލައިގެ ތުހުމަތު ރިޕޯޓުގައި ރަޝިއާއަށް ކޮށްފައި ވީނަމަވެސް އެކަމުގެ ވަރުގަދަ ހެއްކެއް ރިޕޯޓުގައި ދައްކިފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ