ކާނާ ރައްކާކޮށް ހެދުމުގައި ދިވެހިން އާއްމުކޮށް ޕްލާސްޓިކް ތަށިތައް ބޭނުން ކުރެ އެވެ. އަގުހެޔޮ ވެފައި ގެންގުޅެން ފަސޭހަވީމަ އެވެ. އެހެން ނަަމަވެސް މިއީ ކޮންކަހަލަ ކަމެއްތޯ ވިސްނާލެވުނު ހެއްޔެވެ؟

ޕްލާސްޓިކަކީ އޯގަނިކް ޕޮލީމާޒްގެ ތެރޭގައި ހިމެނޭ ޕީވީސީ، ނައިލޯން، ބީޕީއޭ، ޕޮލިތީލީން ފަދަ ތަކެތިން އުފައްދާ ސިންތެޓިކް މާއްދާ އެކެވެ. މި މާއްދާ މަޑުކޮށް ހުންނައިރު ބޭނުން ބައްޓަމަކަށް ބޭނުން ގޮތަކަށް ތައްޔާރު ކުރެވެ އެވެ.

މީގެ ތެރޭގައި ހިމެނޭ ބިސްފެނޯލް އޭ (ބީޕީއޭ)އަކީ އިންސާނުންނަށް އެންމެ ގެއްލުންހުރި އެއް ކެމިކަލް އެވެ. ޕްލާސްޓިކް ހަރުކުރަން ބޭނުންކުރަނީ މި މާއްދާ އެވެ. ބީޕީއޭގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރޭގައި ހަކުރުބަލި، ހިތުގެ ބަލިތައް އަދި އުރަމަތީ ކެންސަރު ފަދަ ބަލިތައް ހިމެނެ އެވެ.

ދެ ވަނަ ކެމިކަލް އަކީ ފެލޭޓްސް އެވެ. މިއީ ހޯމޯން އުފެއްދުމަށް މައްސަލަތައް ކުރިމަތިކުރުވާ ކެމިކަލް އެކެވެ. ފެލޭޓްސްގެ ނުރައްކާތަކުގެ ތެރޭގައި އުރަމަތީ ކެންސަރާއި ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ، އޮޓިޒަމް، ހަކުރުބަލި، އޭޑީއެޗްޑީ، ނޭވާހިއްލުން އަދި އައިކިއު ލެވެލް ދަށްވުން ހިމެނެ އެވެ.

ޕްލާސްޓިކް ތަށިތަކުން ނެއްޓޭ ކުދިކުދި އެތިކޮޅު ހަށިގަނޑުގެ ތެރެއަށް ދިއުމުންނާއި ވަސްބެލުން އަދި ހަމައެކަނި އަތްލުމުން ވެސް ހަށިގަނޑަށް ކެމިކަލްގެ ނުރައްކާ ވެދާނެ އެވެ.

މި ސަބަބަށްޓަކައި ކާނާ ރައްކާ ކުރުމުގައި ޕްލާސްޓިކަށްވުރެ ރަނގަޅު ގޮތެއް ޚިޔާރު ކުރަންވަނީ ޖެހިފަ އެވެ.