ރޯގާ ޖެހިއްޖެނަމަ އެތައް ދުވަހެއް ވަންދެން ކެއްސާ ގޮތްވޭ ހެއްޔެވެ؟ ރޯގާ ރަނގަޅު ވުމަށް ފަހު ވެސް ކެއްސުން ކުރިއަށްދޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިރީގައި މިވާ ކަންކަމުން ކަމެއްގެ އަޖުމަ ބަލާލާށެވެ.

އިނގުރު ސައި

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމުސާ އިނގުރު (ޗިސްކޮށްފައި)
  • 3 ފުށް އަސޭމިރުސް
  • 1 ސައިސަމުސާ ފޮނިތޮށި،
  • 3 ކާފޫރުތޮޅި،
  • 3 ކަރަންފޫ (ޗިސްކޮށްފައި)

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ފެން ޖޯޑެއް އަޅާފައި ހުރިހާ އެއްޗެއް އަޅާފައި ބޮކިޖަހަންދެން ކައްކާލާފައި މި ފެން އިރުއިރުކޮޅުން ބުއިމުން ކެއްސުމަށް ވަރަށް އަވަހަށް ލުއިވާނެ އެވެ.

ކެރެޓް ޖޫސް

ބޭނުންވާތަކެތި

  • 1-2 ކެރެޓް
  • 1 މޭޒުމަތީ ސަމުސާ ކާށިތެޔޮ

ތައްޔާރު ކުރާނެ ގޮތް

ކެރެޓް ގާނާ ހިމުންކޮށް މިކްސަރުން ހިމުންކޮށް އޭގެ ދިޔަ ނަގައި ކާށި ތެޔޮ ސަމުސަލާ އެއްކޮށްގެން ބޯށެވެ. މޭގައި ތަތްވެފައި ހުންނަ ދަވަތައް ނެރެލަން ކެރެޓް ޖޫހަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.

ސްޓީމް ކުރުން

1 މޭޒުމަތީ ސަމުސާ ކޮތަނބިރި 3 ޖޯޑު ފެން ތެއްޔަށް ފެން އަޅާފައި ކެކެން ފެށުމުން ކޮތަނބިރި ސަމުސާ އަޅައިގެން ކައްކާލުމަށްފަހު މި ފެނުން ފަސް މިނިޓް ވަންދެން ނޭފަތާއި އަނގަޔަށް އާވި އަރުވާށެވެ. މިއީ ތަތްލާފައި ހުންނަ އަރިދަފުސްތައް ނެއްޓި ކެއްސުމަށް ލުއި ލިބޭނެ ކަމެކެވެ.

މާމުއި

މާމުއިކޮޅެއް ބޯލުމުން ވެސް ކެއްސުމަށް ލުއި ލިބެ އެވެ. އަދި އިނގުރު ސަޔަށް މާމުއި އަޅައިގެން ހޫނުކޮށް ބުއިމަކީ ވެސް ކެއްސުމަށް އޮތް ލުއެކެވެ.