އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އއ. މާޅޮހު ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީޚްގައި މާޅޮހުގައި ދުވަހަކު ވެސް ނުހިންގާ ވަރަށް މިވަގުތު އެ ރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވައި، އެ ކަމަށްޓަކައި މާޅޮހުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ރައީސް ސޯލިހަށް ޝުކުރުއަދާކުރައްވާފަ އެވެ.
މާޅޮހުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަށުގައި މިހާރު ދެމުންދާ ސިއްހީ ހިދުމަތްތައް ތަރައްގީކުރަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އަދި ޒަމާނީ މިސްކިތެއް ތަރައްގީކުރުމަށް ބޭނުންވާ ކަމަށާއި، ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމަށާއި ރަށުގެ އާންމު ރައްޔިތުން ބޭނުންކުރުމަށް ބީޗެއް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ވެސް ލޯކަލް ޓޫރިޒަމް ހިންގުމަށް ހުރި ގޮންޖެހުންތައް ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ. ހަމަ އެއާއެކު ރަށުގެ ކުނި މެނޭޖުކުރުމަށް މިހާރު ބޭނުންކުރާ ވެހިކަލަށް މައްސަލަ ޖެހުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ފަންނީ ބޭފުޅުން ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ ބޭފުޅުން ތަމްރީނުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައީސް ސޯލިހާއި ހިއްސާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި މާޅޮހުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި އއ. މަތިވެރި ދާއިރާއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި މަތިވެރި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ކައުންސިލްގެ ބައްދަލުވުމުން ރަށަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ސަރުކާރަށް ފަސޭހަވެގެންދާ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް މާޅޮހަށް މީގެ ކުރިން ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން ވަނީ ކައުންސިލުން ފާހަގަކުރައްވާފަ އެވެ.