ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ހަމަތަކުގެ މަތިން ނެެރެފައިވާ އަމުރެއް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގަ އެވެ. އެ މައްސަަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.

ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިޖުރާއީ ގޮތްތަކުން ހުންނަ ކޮންމެ އުނިކަމަކީ އެއީ އޭގެ ސަބަބުން ކޯޓުން ނެރޭ އެ އަމުރުގެ ސައްޙަކަން ގެއްލޭ ސަބަބެއް ނޫން ކަމަށެވެ.

އަމުރުތައް ނެރުމާއި ބެހޭ ގަވާއިދެއް ނެތީސް ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ކަނޑައަޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ފާރިސްގެ ފަރާތުން ވަނީ އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅިގެން ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 204 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާ ކަންތަކަކީ އެއީ ކޯޓުގެ އިދާރީ އިންތިޒާމުތަކާއި ގުޅޭ ކަންތަކެއް ކަމަށެވެ. އެހެން ކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރާ ސަބަބެއް ނެތީސް، ގަވާއިދެއް ނެތި އަމުރެއް ނެރުނީތީ އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް އެ އަމުރު ބާތިލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އެ އަމުރު ބާތިލް ކުރަންޖެހޭ ކަމަށް ފާރިސްގެ ފަރާތުން ފާހަގަކުރި އަނެއް ނުކުތާ އަކީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްދާއިރު، މަޖިލިސް މެމްބަރަކު ހައްޔަރު ކުރުމަކީ މަޖިލީހުގެ ގަވާއިދުގައި މަނާކޮށްފައިވާ ކަމެވެ. އެ ނުކުތާގައި ހައިކޯޓުން ކަނޑައަޅާފައި ވަނީ ފާރިސް ހައްޔަރު ކުރީ އެފަދަ މައްސަލައެއް ހިނގަމުން ދިޔަ ދުވަސްވަރެއްގައިކަން އޭނާ އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.