ވޭޕް ނުވަތަ އީ-ސިނގިރޭޓުގައި ބޭނުންކުރާ ކެމިކަލް ފުލޭވާ ލިކުއިޑްގެ ސަބަބުން ހާޓް އެޓޭކް އަދި ސްޓްރޯކް ފަދަ ފުރާނައަށް ނުރައްކާ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ސްޓޭންފޯޑް ޔުނިވާސިޓިގެ ސައިންޓިސްޓުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އީ- ސިނގިރޭޓްގައިވާ ފުލޭވާ ލިކުއިޑުން ލޭނާރުތައް ހަލާކުވުމާއި ހިތުގެ ބަލިތައް ޖެހެ އެވެ.

ނަމަވެސް އާދައިގެ ސިނގިރޭޓަށް ވުރެން އީ-ސިނގިރޭޓުގައި ސިއްހީ ގެއްލުން ކުޑަކަމަށް ސައިންސް ވެރިން ބުނެ އެވެ. ސަބަބަކީ އާދައިގެ ސިނގިރޭޓްގައި އެކުލެވޭ ވިހަ މާއްދާއެއް ކަމަށްވާ ޓޮބޭކޯ އީ-ސިނގިރޭޓުގައި ނުހިމެނޭތީ ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އީ-ސިނގިރޭޓުން ކުޑަވުމެވެ.

އެހެން ނަމަވެސް ވޭޕުން ލިބޭ ގެއްލުން ނިސްބަތުން ކުޑަ ކަމަށް ވިޔަސް ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާ އެއްޗެކެވެ.

ސްޓޭންފޯޑް ޔުނިވާސިޓީގެ ސައިންސްވެރިން ކުރި ދިރާސާގައި ވަނީ ހަ ފުލޭވާއެއް ޓެސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ފުރުޓް ފުލޭވާ، ޓޮބޭކޯ ފުލޭވާ، މެންޓޯސް ފުލޭވާ، ސިނޮމޮން ފުލޭވާ ޓެސްޓްކޮށްފައިވާއިރު ފްލޭވާތަކުގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ޑީއެންއޭ ހަލާކުވެ އަދި މީގެން އަރާ ދުމުގެ ސަބަބުން ސެލްތައް މަރުވެ އެވެ.

ސައިންސްވެރިންގެ ދިރާސާތަކުން ވަރަށް ސާފުކޮށް ދައްކާ ގޮތުގައި ފުލޭވާ ލިކުއިޑްގައި ގިނަ އަދަދަކަށް ނިކޮޓިން، އެހެން ސިނގިރޭޓްތަކާ ހިލާފަށް ހުރެ އެވެ. އަދި މީގެ ސަބަބުން ސިނގިރޭޓް ފުލޭވާ ބޭނުންކުރުމަށް ދެވިހިފާފައި ތިބޭ ފަރާތްތަކުގެ ސެލްތައް ހަލާކުވެ، ސެލްތަކުގެ މަސައްކަތް ހުއްޓެ އެވެ.

އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 3 މިލިއަން މީހުން އީ-ސިނގިރޭޓް ބޭނުން ކުރާކަމަށް ދިރާސާތަކުން ދައްކައިރު އެ ގައުމުގެ ގިނަ މީހުންގެ ނާރުތައް ބެދި، ކެމިކަލްތަކުގެ ސަބަބުން ނާރުތައް ހަލާކުވުމުގެ މައްސަލަ ދަނީ ދިމާ ވަމުންނެވެ.