ދެބައި އުމުރަށް އެޅުމުން ގިނަ ބައެއްގެ ޝަކުވާއެއް އޮވެ އެވެ. މީހާ ނުފެންނަނީސް ފެންނަނީ ނުކުމެފައި އޮތް ބަނޑެކެވެ. މިއީ ތީގެ ތެރެއިން ވެސް ގިނަ ބޭފުޅުންނަށް ކުރިމަތި ވެފައިވާ މައްސަލައަކަށް ވާނެ އެވެ.

ބަނޑުގައި ޖަހާ ސަރުބީ ނުވަތަ މަސްތަށް ވިރުވާލުމަކީ ގިނަ ބަޔަކަށް އުނދަގޫ ވެފައިވާ ކަމެކެވެ. ގިނަ ބަޔަކު ދުވާލު ނުކައި ހުރެ ބަނޑު ހިންދުމަށް މަސައްކަތް ކުރާއިރު އަނެއްބަޔަކު އެކި ކަހަލަ ޑައިޓް ޖައްސަ އެވެ.

ބަނޑުގައި ސަރުބީ ގިނަވަނީ ތިމާ ކެއުމުގައި ގެންގުޅޭ މިންގަނޑު ހަށިގަނޑަށް ނުފެތޭތީ އެވެ. އެހެންވުމުން ކެއުން މަދު ކުރާށެވެ. އެއްކޮށް ހުއްޓާނީކީ ނޫނެވެ. ދުވާލު ތިން އިރު ކާށެވެ. އެކަމަކު މަދުންނެވެ.

ބައެއް މީހުންގެ ޑައިޓަކީ ދުވާލު ގަދަޔަށް ކެއުމަށްފަހު ރޭގަނޑު ނުކައި ހުރުމެވެ. މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހަަމައެކަނި ފަލަވާނީ ރޭގަނޑު އެކަނި ކެއުމަކުން ނޫނެވެ. ތިމާ ގިނައިން ކާނަމަ ބަނޑުހައިވާ ކޮންމެ ފަހަރަކު ގިނައިން ކެވޭނެ އެވެ.

އެހެންނަމަވެސް ކާން ވަކި ގަޑިތަކެއް ހަމަޖެއްސުމަށްފަހު ކާ މިންވަރު އެއްވަރެއްގައި ހިފަހައްޓާށެވެ. މިހެން ގަވައިދުން ކުރިއަށް ގެންދެވިއްޖެ ނަމަ ތިމާ ކާވަރަށް ހަށިގަނޑުނެއެވެ. އަދި މަދުން ކޭނަމަވެސް ބަނޑު ފުރޭނެއެވެ.

ކެއުމާ އެއްވަރަށް ފެންވެސް ބޯން ޖެހެ އެވެ. ކެއުމުގެ ތެރޭގައިވެސް އަދި ކެއުމަށް ފަހުވެސް ފެންބޯން ޖެހެ އެވެ. ފެނުން ބަނޑު ފުރިފައވާ ކަމުގެ އިހުސާސްކޮށްދީ ބަނޑުލައިވުން ލަސްކޮށްދެ އެވެ.

ބަނޑު ހިންދުމަށް ޑައިޓް ޖައްސާނަަމަ ހެނދުނު، މެންދުރު އަދި ރޭގަނޑު ކާށެވެ. ހަމަ އާންމުކޮށް ކެއުމުގައި ތި ބޭނުންކުރާ ބާވަތްތައްވެސް ބޭނުން ކުރެވިދާނެ އެވެ.

އެހެންނަމަވެސް ތެޔޮ އެއްޗެހި މަދުކޮށް ތަރުކާރީ އާއި މޭވޭ އަދި ހާއްސަކޮށް ފެހިކަން ގަދަފަތް ކާށެވެ. އަދި ދުވާލު ބޭނުންކުރާ ހުރިހާ “ޖަންކް ފުޑްސް” ކެއުން އެއްކޮށް ހުއްޓާލާށެވެ. އިސާހިތަކު ބަނޑު ހިނދިދާނެ އެވެ.