ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ނޭފަތުން ލޭ އައުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ. އަދި ދުނިޔޭގެ ނިސްބަތުން މާބަނޑުވާ ކޮންމެ 8 އަންހެނަކުން އެކަކުގެ ނޭފަތުން ލޭ އާދެ އެވެ.

މިގޮތަށް ލޭ އަންނަން މެދުވެރިވަނީ މާބަނޑުވުމުން އިތުރުވާ ޕްރޯޖެސްޓްރޯން، އަދި އެސްޓްރަޖަން ހޯމޯންގެ ސަބަބުން ނޭފަތުގެ އެތެރޭގައިވާ ލޭ ހޮޅިތައް ފުޅާވުމުންނެވެ. މިއާއެކު މާބަނޑުވުމުން ލޭ ދައުރުވުން އިތުރުވެ، ނޭފަތުގައި ހުންނަ ކުދިކުދި ލޭހޮޅިތަކުގެ ތެރޭގައި ޕްރެޝަރު މަތިވެ، ފަޅައިގެންދާ ގޮތްވެ އެވެ.

ގިނަ ފަހަރު ނޭފަތުން ލޭ އަންނަނީ ނޭފަތުގެ ކުރިމަތީ ބައިގައި ހުންނަ ކުދިކުދި ހިމަ ލޭ ހޮޅިތަކުންނެވެ. މި ހިސާބު ލޭހޮޅިތައް ފެޅުމުން އަންނަ ލޭ ގިނަފަހަރު ކަމެއް ނުކުރިޔަސް ނިކަން އަވަހަށް ހުއްޓޭނެ އެވެ. ނަމަވެސް ނޭފަތުގެ ފަހަތު ބައިގައި ހުންނަ ތަންކޮޅެއް ބޮޑެތި ލޭހޮޅިތައް ފަޅައިގެން ދިއުމުން އަންނަ ލޭ ގިނަވެފައި، ހުއްޓުވަން އުދަނގޫވާނެ އެވެ.

ނޭފަތުން އަންނަލޭ އަންނަނަމަ ތިރީގައިވާ ކަންކަމުން ކަމެއްގެ އަޖުމަ ބަލާލާށެވެ. އެކަމުން ވެސް ލޭ މަނާ ނުވާނަމަ ޑޮކްޓަރެއްގެ އެހީ ހޯދާށެވެ.

  1. ތަނެއްގައި އިށީނދެ ޝަހާދަތް އިނގިލި އާއި ބޮޑުވައި އިނގިލިން ނޭފަތުގެ ދެފަރާތުގައި ހިފަހައްޓާ ބާރަށް ފިއްތާލާށެވެ. މިގޮތަށް މިކަން ކުރާއިރު އަނގައިން ނޭވާލާށެވެ. ނޭފަތް ފިއްތާލައިގެން ގާތްގަނޑަކަށް 20-10 (ނޫނީ 10-5 މިނެޓް ވަރު) ވަރަކަށް މިނެޓް ވަންދެން ހުންނާށެވެ. މިގޮތަށް ހުންނައިރު ޕްރެޝަރު ދޫކޮށްލައިގެން ނުވާނެ އެވެ. މާނައަކީ އޭފަތުގައި ފިއްތާގެން ހުންނަ ހުރުމަށް ދޫދީގެން ނުވާނެ އެވެ.
  2. އަނގަ ހުޅުވައިގެން ހުރެ، ހަށިގަނޑު ކުރިޔަށް ލަންބާލާށެވެ. މިހެން ހެދުމުން ނޭފަތުގައި ހުރި ލޭތައް ބޭރުވާނެ އެވެ. މިގޮތަށް ހެދުމުން ލޭތައް ފަހަތަށް ގޮސް، އަރުތެރެއިން ބަނޑަށް ދިޔަ ނުދީ ހިފެހެއްޓޭނެ އެވެ.
  3. ނޭފަތުން ލޭއައުން ހުއްޓުވުމަށްޓަކައި ނޭފަތް މަތީގައި އެއްޗަކަށް ލައިގެން ގަނޑުފެން ވެސް ޖެއްސިދާނެ އެވެ. ގަނޑުފެން ޖެއްސުމުން ލޭހޮޅިތައް ހިމަވެ، ލޭމަނާކުރަން އެހީތެރި ވެދޭނެ އެވެ.
  4. އޮށޯވެ އޮތުމުގެ ބަދަލުގައި ކޮޅަށް ހުރެވޭތޯ ބަލާށެވެ.
  5. އަނބުރައިގަންނަން އުޅޭހެން ހީވާނަމަ، ވާތް ފަރާތަށް ތަނެއްގައި އޮށޯންނާށެވެ.