ފެނަކީ ހަށިގަނޑަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި އެއްޗެކެވެ. އެގޮތުން ދުވާލަކު 8 ތަށި ފެން ބުއިމަށް ގިނަ ސިއްހީ މާހިރުން އިލްތިމާސްކުރެ އެވެ.
އޭގެ ސަބަބުން މަސްތަކުގެ ވަރުބަލިކަން ފިލުވާލަދީ، ކިޑްނީގެ ހިނގުން ރަނގަޅުކޮށްދީ، ހަޖަމު ކުރުމާއި ބަރުދަން ލުއިކޮށްދިނުން ފަދަ އެތައް ފައިދާއެއް ލިބެ އެވެ. ކަން މިހެން އޮތްއިރު، ހާއްސަކޮށް މާބަނޑު ދުވަސްވަރު ފެންބޯންޖެހޭ މިންވަރު އިތުރުކުރަން ޖެހޭނެކަން ގައިމެވެ.
ސިއްހީ އިދާރާތަކުން ބުނާގޮތުގައި، މާބަނޑު އަންހެނަކު ދުވާލަކު 1.5 ލީޓަރު ނުވަތަ ދެ ލިޓަރުގެ ފެން ބޯން ޖެހޭނެ އެވެ. އަދި މަސައްކަތެއް ކުރާނަމަ މަސައްކަތެއްކުރާ ކޮންމެ ގަޑިއަކު 250 މިލިލީޓަރުގެ ފެން އިތުރަށް ބޯން ޖެހޭނެ އެވެ.
މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްތަކެއް ކަމުން ފެން ނުބައި މީހުން ވެސް އުޅެ އެވެ. އެފަދަ އަންހެނުންނަށް ފެން ތެރެއަށް ލުނބޯ އަޅައިގެން ނުވަތަ ކިރުތައްޓެއް ނުވަތަ ޖޫސް ތައްޓެއް ބޮޮވިދާނެ އެވެ.
ނަމަވެސް ކޮފީ، ސައި އަދި ފިޒީ ބުއިންތައް ފަދަ ބުއިންތައް ފެންބޯ މިންވަރުގެ ތެރޭގައި ހިމަނައިގެން ނުވާނެ އެވެ. އެއީ ދިޔާއެއްޗެތި ކަމުގައި ވީނަމަވެސް އެއިން ހަށިގަނޑަށް ނަގާ ފެން މަދުވެ ކުޑަކަމުދާ އެއްޗެތި އިތުރު ކުރާ ބާވަތްތަކެކެވެ. ވުމާއެކު ހަށިގަނޑުން ފެން މަދުވުމަކީވެސް މިބާވަތްތައް ބޭނުން ކުރާނަމަ ވެދާނެ ކަމެކެވެ.
މައިމީހާ ކާ ކާނާ ދަރިފުޅަށް ރަހިމުގެ ތެރެއިން ގެންގޮސްދެނީ ފެނުގެ އެހީގަ އެވެ. ގިނައިން ފެން ބުއިމުން ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް މަދުވެ އެވެ. އެއީ ކުޑަކަމުދާ އެއްޗެތި ގިނަވުމުން މިނިޒާމަށް ވަންނަ ޖަރާސީމު ފަދަ ތަކެތި ދޮވެލާތީ އެވެ.
އަދި ދުވާލަކު ބޮވޭ ފެނުގެ މިންވަރު ނޭނގޭނަމަ ދޮޅު ލިޓަރުގެ ނުވަތަ ދެ ލިޓަރުގެ ފުޅިއަކަށް ފެން އެޅުމަށްފަހު އެވަރުގެ ފުޅިއެއްގެ ފެން ދުވާލަކު ބޮވޭތޯ ބަލާށެވެ.
ފެންބޯއިރު އެއްފަހަރާ ގިނައިން ފެން ބުއިމުގެ ބަދަލުގައި އެކިފަހަރު މަތިން މަދުމަދުން ފެން ބޯށެވެ. އެއްފަހަރާ ގިނައިން ފެންބުއިމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.