ބަރުދަން ލުއި ކުރުމަށް ގިނަ ބަޔަކު މަސައްކަތް ކުރެ އެވެ. އެހެން ނަމަވެސް އެކަމަށް ކުރަން ޖެހޭ މަސައްކަތް ގިނަ ބަޔަކަށް އޮންނަނީ ބުރަ ކަމަކަށް ވެފަ އެވެ. ނަމަވެސް މިކަމުގައި ވެސް ފަސޭހަ ހައްލެއް އެބަ އޮތެވެ. ޑައިޓަކަށް ނުގޮސް، ނުވަތަ ބުރަ ކަސްރަތު ނުކޮށް ވެސް ސަރުބީ ވިރުވާލަން އޮތް ގޮތަކީ މި ބުއިމެކެވެ.

ސިއްހީ މާހިރުން ބުނާ ގޮތުން، މި ބުއިމަކީ ނިދަން ވުމުގެ ކުރިން ބުއިމުން ނިދާފައި އޮންނަ ވަގުތު ސަރުބީތައް ވިރުވައިދޭ ބުއިމެކެވެ. އެއީ އެ ބުއިމުގައި ބަރުދަން ލުއިކޮށްދީ، ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކާނާ ހިމެނޭތީ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ބޭނުންވާ ތަކެތި

  • 1 ލުނބޯ
  • 1 ކިއުކަންބާ
  • 1 މޭޒުމަތީ ސަމުސާ އިނގުރު
  • 1 މޭޒުމަތީ ސަމުސާ އެލޯވެރާ
  • 1 ތަށި ފެން

ތައްޔާރު ކުރާނެ ގޮތް

ހުރިހާ އެއްޗެއް މިސްކްޗަރަށް އަޅާ ރަނގަޅަށް ހިމުން ކޮށްލާށެވެ. އަވަހަށް ނަތީޖާއެއް ބޭނުންވާނަމަ މީގެން ބައިތަށި ބުއިމަށްފަހު ފުރިޖްކޮށްފައި ހެނދުނު ހޭލައި ބާކީ ހުރިބައި ބޯލާށެވެ. މީގައި އެކުލެވެނީ ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭނެ އެންމެ މުހިއްމު މާއްދާތަކެވެ.

އެގޮތުން އިނގުރުގެ ސަބަބުން ހަށިގަނޑުގައި މެޓަބޮލިޒަމް ރޭޓް އިތުރުކޮށްދީ ސަރުބީ ވިރުވައި ދިނުމަށް އެހީވެދޭއިރު، އެލޯވެރާ ދިޔައިން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ކާނާ ހަޖަމުކޮށްދެ އެވެ.

އަދި ކިއުކަމްބާގައި ގިނަ އަދަދަކަށް ފެން ހިމެނޭތީ، އޭގައި ކެލޮރީ އެކުލެވޭ މިންވަރު ވެސް މަދުއިރު، ލުނބޯގައި ވިޓަމިން ސީ އެކުލެވޭ މިންވަރު އިތުރު ވުމުގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައިދީ، ބަރުދަން ލުއިކޮށްދިނުމަށް އެހީވެދެ އެވެ.

އެހެންކަމުން ކޮންމެ ރެއަކު ނިދުމުގެ ބައި ގަޑިއިރެއްހާ ކުރިން މި ބުއިން ބޯށެވެ. ހަފްތާއެއްގެ ތެރޭގައި ތަފާތު ފާހަގަ ވާނެ އެވެ.