އަންކާރާ (04 ނޮވެމްބަރު) - ބޭނުން ޖެހިފައިވާ ގައުމުތަކަށް ހިލޭ ގޮދަން ފޯރު ކޮށްދިނުމަށް ރަޝިއާއާއި ތުރުކީއާ ދެމެދު އެއްބަސް ވުމަކަށް އާދެވިފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި އުރުދުޣާން ވިދާޅުވީ ޑްޖިބޫތީ، ސޫދާން އަދި ސޯމާލިއާ ހިމެނޭހެން ބޭނުން ޖެހިފައިވާ ގައުމުތަކަށް ހިލޭ ގޮދަން ފޮނުވަން ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިންއާއެކު އެއްބަސްވެވިފައިވާ ކަމަށެވެ.

"މި ނިންމުމުގެ އިތުރު މަޝްވަރާތައް އިންޑޮނޭޝިއާގައި ބާއްވާ ޖީ20ގެ ސަމިޓުގައި ކުރިއަށް ގެންދެވޭނެ" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން އިތުރަށް ވިދާޅުވީ ކާބޯތަކެތި ލިބުން ދަތިވެ ކާރިސާގެ ހާލަތު ކުރިމަތިއވެފައިވާ ގައުމުތަކަށް ރަޝިއާއާއި ތުރުކީއިން ކާބޯތަކެތި ފޮނުވާކަން ޔަގީން ކުރައްވާނެ ކަމަށެވެ.

ކަޅު ކަނޑު ހުރަސްކޮށް ގޮދަން ބޭރުކުރުމުގެ ހުއްދަ ޔޫކްރެއަށް ލިބިދޭ އެގުރިމެންޓެއްގައ ރަޝިއާއިން ޖުލައި މަހު ސޮއި ކޮށްފައިވީ ނަމަވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް އެ އެއްބަސްވުން ބާތިލުވާނެ އެވެ.

ޕުޓިން ޖީ20 ސަމިޓުގައި ބައިވެރިވާނަމަ ޔޫކްރެއިނުން އެ ސަމިޓްގައި ބައިވެރި ނުވާނެ ކަމަށް ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައިވާއިރު ސަމިޓުގައި ޕުޓިން ބައިވެރި ވާނެކަން ނުވަތަ ނުވާނެކަން ވެސް ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ދުނޔޭގެ އެންމެ ބޮޑު އެއް ގޮދަން އެކްސްޕޯޓް ވިޔަފާރި އޮންނަ ޔޫކްރެއިންގައި ރަޝިއާއިން ހަނގުރާމަ ފެށީއްސުރެ ގޮދަން އެކްސްޕޯޓް ކުރުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. -- އަލް އަރަބިއްޔާ