ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ބަޖެޓް ނެތް ކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ފާޅުކުރައްވައިފި އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބު ބޭއްވުމުގެ ހުއްދަ ލިބުނަސް އިންތިޚާބު ބާއްވާނެ ބަޖެޓް ނެތް ކަމަށެވެ. އެގޮތުން ކައުންސިލް އިންތިހާބު ބޭއްވޭނީ މިހާރު ފާސްކޮށްފައިވާ 51 މިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް 13.3 މިލިއަން ރުފިޔާ ލިބިގެންކަމަށް ވިދާޅުވި އެވެ.

އިންތިހާބު ބޭއްވުމަށް 71 މިލިއަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅުމުން ކޮވިޑްގެ ދުވަސްވަރާއި ދިމާވުމާއިއެކު ބަޖެޓު ފާސްވިއިރު އޮތީ، 51 މިލިއަން ރުފިޔާއަށް ބަޖެޓް ކުޑަކޮށްފަ އެވެ.

މުވައްޒަފުންގެ ބައިން 19 މިލިއަން ރުފިޔާ މަދުކުރަން ހުށަހެޅިނަމެވެސް މިފަދަ ބޮޑު އިންތިހާބެއްގައި ހާއްސަކޮށް މި ހާލަތުގައި އެކަން ކުރެވެން ނެތްކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. އިތުރުގަޑީގެ ފައިސާ ނުދިނަސް އެލަވެންސްތައް މަދުކުރެވެން ނެތް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ބައިނަލް އަގްވާމީ އޮބްޒާވަރުން ނުގެނައުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ އިރު، އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީފައެއްނުވެ އެވެ. އަދި އިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ ހަމަހަމަކަމާ އެކީގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ރާއްޖޭގައި ނެތް ކަމަށް ބުނެ ފާޑު ކިޔަމުންނެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވެގެން ދާނީ ދިވެހި ތާރީހުގައި މިހާތަނަށް ބޭއްވޭނެ އެންމެ ޚުދުމުހުތާރު އިންތިހާބަށް ކަމަށް އިދިކޮޅުން ބުނެ އެވެ. އަދި ބައިނަލް އަޤްވާމީ އޮބްޒާވަރުންނާ ނުލާ އިންތިޚާބު ދެފުށް ފެންނަ ގޮތަށް ބޭއްވިދާނެ ކަމާމެދު ސުވާލު އުފައްދާފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައި އޮތީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެކަމަކު، ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެ އަށް ކުރިމަތިވުމާ ގުޅިގެން އަންނަ އަހަރަށް ކައުންސިލް އިންތިހާބު ވަނީ ފަސްކޮށްފަ އެވެ.