ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރު ވަނީ އިއްޔެ އެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔައިފަ އެވެ. އާލިއާއަށް އަންހެން ކުއްޖެ ލިބިފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ މީހުންނަށް މަރުހަބާ ކިޔަމުންނެވެ.

މިހާރު މިވަނީ އާލިއާގެ ދަރިފުޅަށް ކިޔާނެ ނަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ގިނަ ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ. އެހެން ނަމަވެސް އަދި އާލިއާ އަދި ރަންބީރު ވެސް ރަސްމީ ގޮތެއްގައި އެ މީހުންގެ ދަރިފުޅަށް ކިޔާނެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް މީގެ ކުރިން އާލިއާ ބައިވެރިވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން އާލިއާ ބުނެފައިވަނީ އޭނާއަށް އަންހެން ކުއްޖެއް ލިބިއްޖެ ނަމަ "އަލްމާ" ކިޔާނެ ކަމަށެވެ. އަދި އެ ނަމަކީ އޭނާއަށް ވަރަށް ރީތި ނަމެއް ކަމަށް ވެސް އާލިއާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އާލިއާ އާއި ރަންބީރުގެ ދަރިފުޅާ ބައްދަލުވުމުން ރަންބީރުގެ މަންމަ އަދި ކުރީގެ ބަތަލާ ނީތޫ ކަޕޫރު ހުރީ ވަރަށް އުފަލުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނީތޫ ބުނީ އޭނާގެ މާމަ ދަރިފުޅާއި އާލިއާގެ ހާލު ވަރަށް ރަނގަޅު ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ކައިވެނިކުރި އާލިޔާ އާއި ރަންބީރަށް ދަރިއަކު ލިބެން އުޅޭކަން ޖޫން މަހު އިއުލާނުކުރި އިރު، ވިހަން ވަންދެން ވެސް އާލިއާ އުޅުނީ މަސައްކަތުގަ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި "ޖީލޭ ޒަރާ" ހިމެނެ އެވެ.