ވިޓަމިން ސީ އަކީ ހަށިގަނޑު ރައްކާތެރިކުރުމުގައި އަދި ހަށިގަނޑަށް ބޭނުންވާ ފައިދާތައް ހޯދައި ދިނުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ވިޓަމިނެކެވެ.

ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުން ވިޓަމިން ސީ ލިއްބައިދޭ މޭވާ އާއި ތަރުކާރީ ގަވާއިދުން ނަގާ މީހާގެ އުމުރު ވެސް، މި ގޮތަށް މޭވާ އާއި ތަރުކާރީ ގަވާއިދުން ނުނަގާ މީހާ އަށް ވުރެ ދިގުވެ އެވެ.

ހިތުގެ މައްސަލަތައް 15 ޕަސެންޓަށް ދަށްކޮށް ދޭއިރު އުމުރުގެ ކުރީކޮޅު ފުރާނަ އަށް ނުރައްކާވާ ފަދަ ބަލިތަކެއް ޖެހުމުގެ ނިސްބަތް ވެސް 20 ޕަސެންޓަށް ދަށްކޮށްދެ އެވެ.

ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވަނީ ދުވާލެއްގެ މައްޗަށް 500 މިލިގްރާމްގެ ވިޓަމިން ސީ އެވެ. ބައެއް ތަޖުރިބާކާރުން ބުނަނީ އެ މިންވަރަކީ 75-90 މިލިގްރާމް ކަމަށެވެ. އަދި 500 މިލިގްރާމްގެ ވިޓަމިން ސީ ދުވާލެއްގެ މައްޗަށް ނެގިޔަސް ސިއްހީ ގޮތުން ނުރައްކަލެއް ނެތް ކަމަށެވެ.

ކަންބޮޑުވުމާއި ބޯ ހާސްވުމުގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހާގެ ފިކުރުތައް ދުރުކޮށް ސިކުނޑި ހަމަ ޖައްސާލުމަށް ވިޓަމިން ސީ ވަރެއް ނޯންނާނެ އެވެ.

ވިޓަމިން ސީ އިން ދިފާއީ ނިޒާމް ވަރުގަދަކޮށްދޭއިރު ހިތުގެ މައްސަލަތަކަށް ވެސް ލުޔެއް ލިބި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށްދެ އެވެ. ލޭގައި ވިޓަމިން ސީގެ ނިސްބަތް ގަދަވުމަކީ ސްޓްރޯގެ ފުރުސަތު 40 ޕަސެންޓަށް ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

މިއީ ހަށިގަނޑު އުފެދި ތަރައްގީވުމުގަ އާއި ހަށިގަނޑުގެ ބޮޑީ ޓިޝޫތައް ރިޕެއާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. މީގެ އިތުރުން ހަށިގަނޑަށް ގެއްލުންދޭ އެކި މާއްދާތަކާ ދެކޮޅަށް ވެސް ވިޓަމިން ސީ ހަރަކާތްތެރިވެ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކޮށްގެން ލިބޭ ގެއްލުން ކުޑަކުރުމަށް ވިޓަމިން ސީ އެހީވެދެ އެވެ.

ސްޓްރޯބެރީސ، ޓޮމާޓޯ، ބްރޮކޯލީ، ވައިޓް ޕޮޓޭޓޯސް، ސްވީޓް ޕޮޓޭޓޯސް، ފަޅޯ، އަނބު، ކަރާ، ކޮލިފްލާވާ، ކެބެޖު، ރާސްބެރީސް، އަލަނާސި ފަދަ މޭވާ އާއި ތަރުކާރީ އަކީ ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެވެ.