އާންމުކޮށް ބަދަން ކެއުމަކީ ހާޓް އެޓޭކާއި ސްޓްރޯކްގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ވެންޑާބިލްޓް ޔުނިވާސިޓީ އާއި ޝަންގްހައި ކެންސާ އިންސްޓިޓިއުޓް ގުޅިގެން ކުރި ދިރާސާއަކަށް ފަހު ޖޭއޭއެމްއޭ އިންޓާނަލް މެޑިސިން ޖާނަލް ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ގަވާއިދުން ބަދަން ކާ މީހާގެ އުމުރު ދިގުވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.

އަދި މިއީ އަގުހެޔޮކޮށް ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވާއިރު ހިތުގެ ބަލިތަކާ ދެކޮޅަށް ކޮންމެ މީހަކަށް ވެސް ނެގިދާނެ ފަރުވާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ގަވާއިދުން ޕީނަޓް ކާ މީހުންނަށް ކުރިމަތިވާ ހިތުގެ މައްސަލަތައް މަދުވާ ކަމަށެވެ.

ގަވާއިދުން ބަދަން ކެއުމުގެ ފައިދާ ބޮޑު ކަމަށް ތަޖުރިބާކާރުން އެއްބަސްވިޔަސް މާ ގިނައިން ބަދަން ކެއުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް އެމީހުން ބުނެ އެވެ. ވަކިން ހާއްސަކޮށް ލޮނު ލާފައި ހުންނަ ބަދަން ގިނައިން ނުކެއުމަށް ލަފާ ދެ އެވެ.

ޕީނަޓް އަކީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް އާއި މިނެރަލްސް އަދި އެންޓިއޮކްސައިޑެންޓްސް އާއި ވިޓަމިން އިން މުއްސަނދިވެފައިވާ އެއްޗެކެވެ.

ހިތުގެ ބަލިތަކުގެ އިތުރުން ކެންސަރާއި ނާރުގެ ބަލިތަކާއި އަލްޒެއިމާ އަދި ވައިރަލް/ފަންގަލް އިންފެކްޝަންތަކަށް ވެސް މިއީ ރަނގަޅު އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.